ހުޅުމާލޭގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް އަމާޒުކޮށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލޭގެ 8 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މީގެ އިތުރުން، އިމިގްރޭޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ 'މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް' (އެމްއެމްސީޕީ) ގެ ދަށުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ވެސް ވަނީ މޮނިޓަރިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި 53 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފުވި 2 މީހަކު ހިފެހެއްޓިއެވެ.
ހަމައެއާއެކު، މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު މާލޭގެ 6 ސަރަހައްދަކުން 28 ބިދޭސީއަކު ހުއްޓުވައި ލިޔެކިޔުންތައް ޗެކްކުރުމަށްފަހު، ގަވާއިދާ ހިލާފަށް އުޅުނު 8 މީހަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ މި މަސައްކަތްތައް، ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
