ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ކުއްލިއަކަށް ބޮޑުކުރުމާ ދެކޮޅަށް، ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިފްއަތު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރިފްއަތު ވިދާޅުވީ ކުއްލިގޮތަކަށް ޓެކްސްތައް ބޮޑުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެއްކަމަށެވެ.

ރިފްއަތު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ޓުއާ އޮޕަރޭޓަރުންނަށް ދަތިތަކާ ކުރިމަތިވެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭނެ ކަމަށާއި އަދި ކުރިން ވެފައިވާ އެއްބަސްވުންތަކަށް ބުރޫއަރާ ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ވާދަވެރިކަން ކުޑަވެގެންދާނެ ކަމަށެވެ.

ރިފްއަތު ވަނީ ސިޔާސަތުތައް އެކުލަވާލުމުގައި ހަމަޖެހުމާއި، ކުރިއަށް ލަފާކުރަން އެނގޭނެ ނިޒާމެއް އޮތުމުގެ އިތުރުން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޝްވަރާ ހޯދުމަށް ގޮވާލައްވާފައެވެ.

ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ޓެކްސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ވަނީ 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކޮށްފައެވެ.

މީގެ އިތުރުން 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މި ބަދަލުތަކާއި، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރާ އާ ގަވާއިދާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.