ގަވާއިދާ ހިލާފަށް ހިންގަމުންދާ ކެފޭތަކަށް އަމާޒުކޮށްގެން އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި، ޖުމްލަ 5 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި ރެއިޑްގައި އެ 5 ތަނުން 14 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވުނު 2 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން އިމިގްރޭޝަންގެ ޓާސްކް ފޯސްއިން މި މަހުގެ 3 ވަނަ ދުވަހު ވެސް މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެ ދުވަހު ހިންގި އޮޕަރޭޝަނުގައި ޖުމްލަ 426 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 13 މީހަކު ވަނީ ހިފަހައްޓާފައެވެ.

މީގެ އިތުރުން، އިމިގްރޭޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ 'މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް' (އެމްއެމްސީޕީ) ގެ ދަށުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ވެސް ވަނީ މޮނިޓަރިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި 53 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފުވި 2 މީހަކު ހިފެހެއްޓިއެވެ. ހަމައެއާއެކު، މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު މާލޭގެ 6 ސަރަހައްދަކުން 28 ބިދޭސީއަކު ހުއްޓުވައި ލިޔެކިޔުންތައް ޗެކްކުރުމަށްފަހު، ގަވާއިދާ ހިލާފަށް އުޅުނު 8 މީހަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ވަރުގަދަ ބޮޑެތި އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. އެގޮތުން ޖުލައި 11 ވަނަ ދުވަހު ކ. ތިލަފުށީގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑްގައި އެކަނިވެސް 836 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފުވި 32 މީހަކު ވަނީ އަތުލައިގަނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ މި މަސައްކަތްތައް، ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.