ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާ ގުޅިގެން އުފެދޭ އެލްނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން އިންޒާރު ދީފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފަހުކޮޅު ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މި ހާލަތު ދިގުލައިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އާންމު ފިނިހޫނުމިން މަތިވެ، ވާރޭވެހޭ މިންވަރު މަދުވުމުގެ އިތުރުން ކަނޑުގެ ލޮނުގަނޑު ހޫނުވުން ފަދަ ކަންކަން ދިމާވުން އެކަށީގެންވެއެވެ.
އެލްނީނޯގެ ސަބަބުން ކުރާނެ ބޮޑެތި އަސަރުތައް ހާމަކޮށް މެޓުން ބުނީ މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި އާންމުކޮށް ހޫނުމިން ހުންނަ ވަރަށްވުރެ އިތުރަށް ހޫނުގަދަވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް ރާއްޖެއަށް ވާރޭވެހޭ މިންވަރު އާންމު އެވްރެޖަށްވުރެ ދަށްވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މެޓުން ބުނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަމަށާއި، ފަރުތަކުގެ މުރަކަތަކަށް ނޭދެވޭ އަސަރުކުރާނެކަމަށެވެ. އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މީގެ އަސަރު ފޯރާނެކަމަށް މެޓުން ވަނީ ބުނެފައެވެ. އެހެންކަމުން މި ދުވަސްވަރު ދިމާވެދާނެ ގޮންޖެހުންތަކުން ރައްކާތެރިވުމަށާއި، ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް އާންމުންނަށާއި ކަމާބެހޭ ދާއިރާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ މޫސުމަށް އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ ހާލަތްތަކުގެ ސަބަބުން ވެސް ބަދަލުތައް އަންނަކަން މެޓުން ވަނީ ފާހަގަކޮށްފައެވެ.
