ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ މާލެ ސަރަހައްދުގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ހާއްސަ ޓާސްކް ފޯސްއިން އިއްޔެ މާލެ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 426 ބިދޭސީން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 13 މީހަކު ފާހަގަވުމުން، އެމީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ސިލްސިލާކޮށް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން، 'މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް' (އެމްއެމްސީޕީ) ގެ ދަށުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ވެސް ވަނީ ހާއްސަ މޮނިޓަރިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި 53 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފުވި 2 ބިދޭސީއަކު ވަނީ ހިފަހައްޓާފައެވެ. ހަމައެއާއެކު، މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު މާލޭގެ 6 ސަރަހައްދަކުން 28 ބިދޭސީއަކު ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ބެލުމަށްފަހު، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 8 ބިދޭސީއަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން ވެސް މިދިޔަ ޖުލައި މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން ޖުލައި 11 ވަނަ ދުވަހު ކ. ތިލަފުށީގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑްގައި 836 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފުވި 32 މީހަކު ވަނީ ހިފަހައްޓާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ މި މަސައްކަތްތައް، ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.