މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ޓަކައި 2026 ޖުލައި މަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ގއ. މާމެންދޫގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އަޕާ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށް 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:
- އަޒުހަދު ނަސީމް، ގއ. މާމެންދޫ / ފިޔާތޮށިވިލާ، (29އ)
- ރިޝްފާން ރާމިޒު، ގއ. މާމެންދޫ / ރޯޝަނީގެ (29އ)
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ ބަލައި ފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާކަމަށާއި، މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
