ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން އެންމެ 9 އަހަރުގެ ޒީވާ އަހްމަދު ސިނާން ނިޔާވުމާ ގުޅިގެން، އޭނާ އާއެކު ހޭދަކުރެވުނު ދުވަސްތަކުގެ އަސަރުގަދަ ވާހަކަތަކެއް ކެއާ ސޮސައިޓީގެ ކުރީގެ ހިންގުންތެރިޔާ ފާތިމަތު އާފިޔާ ހިއްސާކޮށްފިއެވެ.
ޒީވާގެ ހަނދާންތައް އާކުރަމުން، އޭނާ ދާދި ފަހުން ބައިވެރިވި ކުޑަކުދިންގެ ޕަބްލިކް ސްޕީކިންގ ޕްރޮގްރާމް ހިންގި ފާތިމަތު އާފިޔާ ބުނި ގޮތުގައި، ޒީވާއަކީ ވަރަށް ހަރަކާތްތެރި، ވާހަކަގިނަ އަދި ހަކަތައިން ފުރިގެންވި ކުއްޖެކެވެ.
ފުރަތަމަ ދުވަހުން ފެށިގެންވެސް ޒީވާއާ ގާތް ގުޅުމެއް އުފެދުނުކަން ފާހަގަކުރަމުން އާފިޔާ ބުނީ، އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ވަރަށް ތެދުވެރިކަމާއެކު ހިއްސާކުރި ކަމަށެވެ. ޒީވާގެ ބައްޕަ އޭނާދެކެ ވަރަށް ލޯބިވާކަމަށާއި، މި ޕްރޮގްރާމްގައި ޒީވާ ބައިވެރިކުރީވެސް ބައްޕަ ކަމަށް އާފިޔާ ބުންޏެވެ.
އަދި ޕްރޮގްރާމް ނިމުނުތަނާހެން ޒީވާ ސްޕީޗް މުބާރާތެއްގައި ބައިވެރިވިކަމަށާއި، ކްލާހުގައި ނަމާދުކުރުމުގެ ސެޝަނެއް ހިމެނިފައިވުމުން ޒީވާގެ ބައްޕަ އެކަން ބަލައިގަތްކަންވެސް އާފިޔާ ފާހަގަކުރިއެވެ. ކްލާހަށް އަބަދުވެސް ކުރިން އަންނާތީ ޒީވާއާއެކު ގިނަ ވާހަކަތަކެއް ދެކެވުނުކަމަށް އޭނާ ބުންޏެވެ.
ކްލާސް ނިމުމަށްފަހު ކްލާހާ މެދު ހިތްހަމަޖެހޭކަން ބަޔާންކޮށް ޒީވާ ބޯޑުގައި ރީތި މެސެޖެއް ލިޔުނު ކަމަށާއި، އެ މެސެޖުގެ ފޮޓޯއެއް ނެގުމުން މިއަދު އެކަމާ އުފާކުރާކަމަށް އާފިޔާ ބުނެފައިވެއެވެ.
ޒީވާ އަކީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތައުލީމު ހާސިލުކުރަމުންދިޔަ ދަރިވަރެކެވެ. ޒީވާގެ ވަކިވެދިއުމާ ގުޅިގެން ބިލަބޮންގް ސްކޫލުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނެފައިވާ ގޮތުގައި، ގްރޭޑް 1 އިން ފެށިގެން އެ ސްކޫލުގައި ކިޔަވަމުން އައި ޒީވާއަކީ ކިޔެވުމަށް ޝައުގުވެރިކަން ހުރި، އަދި އެކަމަށް ގަދައަޅައި މަސައްކަތްކުރި މޮޅު ދަރިވަރެކެވެ.
އޭނާގެ ތައުލީމީ ގާބިލުކަމުގެ އިތުރުން، ޒީވާ ފާހަގަކުރެވިފައިވަނީ އަބަދުވެސް އުފާވެރި ހިނިތުންވުމަކާއެކު އެހެން ކުދިންނާ ގުޅޭ، ހިތްހެޔޮ ކުއްޖެއްގެ ގޮތުގައިކަމަށް ތައުޒިޔާ މެސެޖުގައި ބުނެފައިވެއެވެ.
އެ ސްކޫލުން ފާހަގަކުރި ގޮތުގައި، ޒީވާގެ އުފާވެރި މިޒާޖާއި އޯގާތެރިކަމުގެ ސަބަބުން އޭނާގެ ރަހުމަތްތެރިންނަށާއި، ކްލާސްކުދިންނަށް އަދި މުދައްރިސުންނަށް ބޮޑު އުފާވެރިކަމެއް ގެނެސްދިނެވެ. އަދި އޭނާއަކީ އެންމެންގެ ލޯބި ހޯދާފައިވާ ކުއްޖެއް ކަމަށްވެސް އެ ސްކޫލުން ބުނެފައިވެއެވެ.
ޒީވާގެ ވަކިވެދިއުމާ ގުޅިގެން މުޅި ސޯޝަލް މީޑިއާ ފުރާލާފައިވަނީ ހިތްދަތި އަސަރުގަދަ ވާހަކަތަކުންނެވެ.
ބިލަބޮންގް ސްކޫލުންނާއި އާފިޔާވެސް ވަނީ ޒީވާގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކޮށްފައެވެ. ބިލަބޮންގް ސްކޫލުން ބުނި ގޮތުގައި، ޒީވާ އެ ސްކޫލުގައި ހޭދަކުރި ވަގުތު ކުރު ނަމަވެސް، އޭނާގެ ރީތި ހިނިތުންވުމާއި ހިނިގަނޑުގެ އަޑު އަދި އޭނާ ދޫކޮށްފައިދިޔަ އުފާވެރި ހަނދާންތައް އެ ސްކޫލުގެ ތެރޭގައި އަބަދަށް ދެމިހުންނާނެއެވެ.
