ވަގު ޑޮލަރުތަކެއް ގެންގުޅުނު މައްސަލައެއްގައި ދިވެހި އަންހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ގދ. ގައްދޫ، ދިލާވަރުގޭ ޝަފުރާ އަބްދުﷲ އާދަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން އެއްޗެއްގެ ތެދުކަން ދައްކަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މައްސަލައެކެވެ. މައްސަލައިގެ ޝަރީއަތުގައި ޝަފުރާ ވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިއުތިރާފުވެ، އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ.

ކޯޓުން ޝަފުރާގެ މައްޗަށް އިއްވީ 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު މުއްދަތުގައި އޭނާ ބަންދުގައި ހުރި 43 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، އޭނާ ތަންފީޒު ކުރަންޖެހޭނީ 2 މަހާއި 5 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަފުރާއަކީ މީގެ ކުރިންވެސް ކުޑަކުއްޖަކަށް މާރާމާރީ ހިންގި މައްސަލައަކާއި، އާއިލާއަށް ފިލައިގެން އުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވާ މީހެކެވެ.