ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރަކަށް އަރަން ދިޔަ މީހެއް ގައިގައި ސައިކަލަކުން ޖެހިގެންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓު އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
