ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، ރާއްޖޭގައި މިވަގުތު ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖްކުރުމަށްޓަކައި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން ދިވެހި ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދެމުން އަންނަ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ސްޓޮކް ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެ މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، އަންދާޒާ ކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން، އާ ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 2026 ސެޕްޓެންބަރު މަހުގެ ނިޔަލަށެވެ.

އެ ކުންފުންޏަކީ ފާއިތުވި 10 އަހަރު ދުވަހު ވެސް އެއްވެސް މައްސަލައެއް ނުޖެހި މި ހިދުމަތް ފޯރުކޮށްދީފައިވާ އިތުބާރު ހުރި ކުންފުންޏެއް ކަމަށް އިމިގްރޭޝަން އިން ބުނެއެވެ.

މި ހާލަތާ ގުޅިގެން މިއަދުން ފެށިގެން ޕާސްޕޯޓު ދޫކުރުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުން: ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް، އާ ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު 2027ވަނަ އަހަރުގެ ޖޫން މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށް ދެވޭނެއެވެ. މި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެއްވެސް ފީއަކާ ނުލައެވެ.
  • އެމަޖެންސީ ޕާސްޕޯޓު ދޫކުރުން: އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ދިވެހިން އާންމުކޮށް ކުރު މުއްދަތަކަށް ދަތުރުކުރާ ގައުމުތަކަށް ފުރާ ފަރާތްތަކަށް ހިލޭ "އެމަޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވަނީ ނިންމާފައެވެ. މިއީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، 1 އަހަރުގެ މުއްދަތު އޮންނަ 8 ސަފްހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
  • އިމިގްރޭޝަނުން އިތުރަށް ބުނީ، ހިދުމަތަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މި ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ އިދާރާއިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.