ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާ ގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ބޭންކިން ނިޒާމުގެ ތެރެއިން ހިންގާ ކްރޮސް ބޯޑާ ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބަދަލުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރާ ބޭންކުތަކުން ބައިވެރިވި މި ފަހުމުނާމާއަކީ، ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އަދި ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންއާބެހޭ ގާނޫނު) އަށް ރިއާޔަތްކޮށް، ކަސްޓަމްސްއަށް ފޯރުކޮށްދޭންޖެހޭ ބޭންކިން ނިޒާމުގެ ތެރެއިން ކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ހަރުދަނާ ގޮތެއްގައި ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގްސަދުގައި އެކުލަވައިލެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށް ހާއްސަކޮށް އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން ކަސްޓަމްސްއިން ވަނީ ދިވެހިރާއްޖޭގައި ހިންގަމުންދާ 7 ބޭންކަކާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން ގެންނަ މުދަލަށް ޑިއުޓީދައްކާނެ އަގު ކަނޑައެޅުމާއި ލިޔެކިއުން ނިންމުމުގެ ކަންކަން މިހާރަށްވުރެ އަވަސްވެ، ހަރުދަނާވެގެންދާނެއެވެ.
މީގެއިތުރުން، އިމްޕޯޓް އަދި އެކްސްޕޯޓާ ގުޅޭގޮތުން ހިންގާ ގާނޫނާއި ގަވާއިދާ ހިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި، ކަސްޓަމްސް އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް މި އެއްބަސްވުމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ކަސްޓަމްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
