ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވީ މިކަމާ ގުޅޭ ގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ، ހިޔާ ފުލެޓްގެ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ދައުރުވަމުންދާ ވީޑިއޯގައި ފެންނަމުންދާ ހިޔާ ޓަވަރުގެ އެޕާޓްމަންޓްގެ މައުލޫމާތުވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާއި އިސްލާމީ ރިވެތި އަހުލާގާ ހިލާފު މިފަދަ އަމަލުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިންގުމަކީ މުޖުތަމައުގެ ކަންބޮޑުވުން އޮތް ކަމެކެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.