ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގައި ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރުއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ތާއީދާއެކުގައެވެ.

މަޖިލީހުގެ ޖަލްސާގައި މި ބިލާ ދެކޮޅަށް ވޯޓުދެއްވާފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 11 މެމްބަރުންނެވެ.

މި ބިލުގެ ލާމަރުކަޒީ ކޮމިޓީ މަރުހަލާގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވަނީ މުހިންމު އިސްލާހެއް ހުށަހަޅުއްވާފައެވެ. އެ އިސްލާހުގައިވާ ގޮތުން ސަރުކާރަށް ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން ކުރިން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކަށީގެންވާ ބަދަލެއް ދޭންޖެހޭނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލްތަކުގެ އިހްތިސާސުން ބިން ވަކިކުރެވޭ ގޮތަށް ގެނައި މި ބަދަލާއެކު، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހީނަރުވެގެންދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ރަށްރަށުގެ އިހުތިސާސްގައިވާ ބިންތައް ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ސަރުކާރަށް ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަކީ ސީދާ ދިވެހި ރައްޔިތުންނާ ދެކޮޅަށް ކުރާ އަނިޔާވެރި ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.