ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށްތަކުން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.
ސަރުކާރުން މި ބިލު މަޖިލީހަށް ފޮނުވިކަން ރައީސް މުހައްމަދު މުއިއްޒު އިއްޔެ އިއުލާންކުރެއްވާފައިވާއިރު މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. މި ބިލުގެ ހަވަނަ ބާބު އެއްކޮށް ކުށް ސާބިތުވުމަކާ ނުލައި ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭ އުސޫލުތަކަށް ހާއްސަކޮށްފައިވާއިރު އެއީ ބިލުގެ 74 ވަނަ މާއްދާއިން ފެށިގެން 91 ވަނަ މާއްދާއާ ހަމައަށެވެ.
މި ބިލުގައި މުދާ ދައުލަތަށް ނެގޭނެ ކުށްތަކުގެ ތެރޭގައި ހިމަނާފައިވަނީ މަނީ ލޯންޑަރިން، ޓެރަރިޒަމް، މީހުން މެރުން، މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުން، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކެވެ، މީގެ އިތުރުން 500،000 ރުފިޔާއިން މަތީގެ ޓެކްސް ނުދެއްކުމުގެ ކުށްތަކާއި، 100،000 ރުފިޔާއިން މަތީގެ ފޭރުމާއި، ވައްކަމާއި، ހިޔާނާތް އަދި ސްމަގްލް ކުރުމުގެ ކުށްތަކުން ހޯދާ މުދާ ދައުލަތަށް ނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައިވާ ގޮތުން ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ދައުވާ ސާބިތުވިޔަސް ނުވަތަ ނުވިޔަސް، އަދި އެ ކުށެއް ރާއްޖޭން ބޭރުގައި ނުވަތަ މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވީ ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދާއެކު މުދާ ދައުލަތަށް ނެގޭނެކަމަށެވެ.
މި ބިލުގައިވާ ގޮތުން މީހާ ކުށްކުރިކަން ސާބިތުނުކޮށް މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުކޮށްގެން މުދާ ނެގުމުގެ އަމުރެއް ނެރެވޭނީ ވަކި އިސްތިސްނާ ހާލަތްތަކެއްވަނީ ބަޔާންކޮށްފައެވެެ. އެއީ ކުށުގެ ތުހުމަތުކުރެވޭ މީހާ މަރުވުން، ކުށުގެ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާކުރުން ނާދިރުވުމުގެ ސަބަބުން އެ މީހާގެ މައްޗަށް ދައުވާކުރެވޭނެ ތަނެއް ނެތުމުގެ އިތުރުން، ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ ފިލައިގެން އުޅޭ މީހެއް ކަމުގައިވުމެވެ.
މުދާ ނެގުމުގެ އަމުރަކަށް އެދި ފުރަތަމަ މަރުހަލާގައި ހުށަހަޅަން ޖެހޭނީ ހައި ކޯޓަށެވެ. މިއިން ހާލަތެއްގައި މުދާ ނެގުމުގެ އަމުރެއް ނެރުމުގައި ފަނޑިޔާރު ބުރަވާން ޖެހޭ ކަންކަން ވެސް މި ބިލުގައިވަނީ ތަފްސީލުކޮށް ހިމަނާފައެވެ. އަދި ކުށް ސާބިތުވުމުގެ ކުރިން މުދަލަކުން މުއަމާލާތްކުރުން ހުއްޓުވުމަށާއި މުދާ ހިފެހެއްޓުމުގެ އަމުރަކަށް އެދި ވެސް ޕީޖީ އޮފީހުން ހުށަހަޅަން ޖެހޭނީ ހައި ކޯޓަށްކަން ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި ގާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާ "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި މިނިވަން އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންޖެހޭނެކަން ފާހަގަކޮށްފައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި، ދައުލަތަށް ނަގާ މުދާ ބެލެހެއްޓުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމަށް ފަންޑެއް ގާއިމުކުރަންޖެހެއެވެ.
