ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ހާއްސަ ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސް ގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމެވެ.

މީގެއިތުރުން، މި ގާނޫނު ވުޖޫދަށް އައުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މުދަލާއި ފައިސާއިން އިތުރު މާލީ މަންފާ ހޯދުން ހުއްޓުވިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ ހުރަސްތަކާއި މައްސަލަތަކަށްވެސް މި ބިލުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގާނޫނާ ހިލާފަށް ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައި ނެތުމަކީ، ކޮރަޕްޝަން ފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެ ފައިސާ ބޭނުންކޮށްގެން ނުހައްގު މުއްސަނދިކަން އިތުރުކުރުމަށާއި، ފައިސާގެ އަސްލު އޮޅުވާލައި މަންފާ ހޯދުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.

މިފަދަ ކަންކަން ހުއްޓުވައި، ކުށްކޮށްގެން ހޯދާ މުދާ އަނބުރާ ހޯދުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ މަގްސަދުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިސްނެގުމުގެ މަތިން "އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު" ގެ ނަމުގައި ޑްރާފްޓެއްވެސް ކުރިން ވަނީ އެކުލަވާލައިފައެވެ.