ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު، ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަންކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައި އާޒިމާ ޝަކޫރު މިހާރު ވަޒީފާއަށް ނުކުމެވަޑައިގެންފައިވާ ކަން ކަށަވަރުކޮށް ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ އަންހެން ބަންޑާރަ ނައިބުގެ ޝަރަފު ހޯއްދަވާފައިވާ އާޒިމާ ޝަކޫރަކީ ރާއްޖޭގެ ތިން ސަރުކާރެއްގެ ކެބިނެޓުގައި ހިދުމަތް ކުރައްވާފައިވާ، އަދި ޖެންޑާ މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ގާނޫނީ އަދި ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅެކެވެ.
ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި 2023 ވަނަ އަހަރު ބޭއްވި މާލޭ ސިޓީގެ މޭޔަރު ކަމުގެ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް، އޭނާއަކީ މި ސަރުކާރާއި ވެރިކަން ކުރާ ކޯލިޝަނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. މި ސަރުކާރު އައި ފަހުން މިހާތަނަށް ދައުލަތުގެ ރަސްމީ މަގާމަކަށް އޭނާ އައްޔަންކުރައްވާފައި ނުވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި އާޒިމާ ވަނީ ވަކާލާތު ކުރައްވާފައެވެ. އަދި އޭނާއަކީ ރައީސް ޑރ. މުއިއްޒުގެ ލީގަލް އެޑްވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ މިއަދު އައްޔަންކުރެއްވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ، މި ސަރުކާރުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
އެ ދައުވާތައް މުރާޖާކޮށް ދިނުމަށް އާޒިމާގެ ފަރާތުން އެދިވަޑައިގަތުމުން ޕީޖީ އޮފީހުން އެ މައްސަލަތައް އަނބުރާ ނެގީ، ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވާތީއެވެ. އެހެންކަމުން، އާޒިމާގެ މައްޗަށް އެ ދައުވާތައް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިހާރު ނެތް ކަމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.
