ރަޝިޔާއާއި ޔޫކްރެއިނުން އެއް ގައުމު އަނެއް ގައުމުގެ އިގުތިސާދީ އަދި އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާތަކުގައި މަދުވެގެން 17 މީހުން ވަނީ މަރުވެފައެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި، ރަޝިޔާގެ އިގުތިސާދީ އަމާޒުތަކަށް ޔޫކްރެއިނުން ހަމަލާދިނުމަކީ "ޕެންޑޯރާސް ބޮކްސް" ހުޅުވުން ފަދަ ކަމެކެވެ. އަދި މިއަށްވުރެ މާ ގެއްލުންބޮޑު ރައްދެއް ދެއްވާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
ރަސްމީ ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތަކުގައި ހަތް މީހުން މަރުވެފައިވާއިރު، ޔޫކްރެއިނުން ރަޝިޔާއާއި ރަޝިޔާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 10 މީހުން ވަނީ މަރުވެފައެވެ.
މީގެ އިތުރުން، ހުކުރު ދުވަހު ޔޫކްރެއިންގެ ކްރިވީ ރިހްގައި ހުންނަ ވިޔަފާރި މަރުކަޒަކަށް ރަޝިޔާއިން ދިން ޑްރޯން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު 16 އަށް އަރާފައިވާ ކަމަށް ޑްނީޕްރޮޕެޓްރޮވްސްކްގެ ގަވަރުނަރު އޮލެކްސެންޑަރ ހަންޒާ ހޮނިހިރު ދުވަހު ކަށަވަރުކޮށްދެއްވިއެވެ. މި ހަމަލާގައި 130 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި 22 ކުޑަކުދިން ހިމެނެއެވެ.
ޔޫކްރެއިނުން ރަޝިޔާއަށް ދިން ހަމަލާތަކުގެ ތެރޭގައި ސަމާރާ ސަރަހައްދުގައި ހުންނަ އޮންލައިން ވިޔަފާރި ކުންފުނި އޮޒޯންގެ ގުދަނަކަށާއި ސިނާއީ ސަރަހައްދަކަށް ދިން ހަމަލާތައް ހިމެނެއެވެ. ސަމާރާ ސަރަހައްދުގެ ގަވަރުނަރު ވިޔަޗެސްލާވް ފެޑޮރިޝްޗެވް ވިދާޅުވި ގޮތުގައި، ނޮވޮކުއިބީޝެވްސްކް ސިޓީއަށް ދިން ހަމަލާއެއްގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެ، ސިނާއީ ތަންތަނަށް ގެއްލުންވެފައިވެއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ އެ ސިޓީގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ހަމަލާދީ އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.
އޮޒޯން ކުންފުނިން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗަޕަޔޭވްސްކްގައި ހުންނަ އެ ކުންފުނީގެ ލޮޖިސްޓިކްސް މަރުކަޒަށް ދިން ހަމަލާއާ ގުޅިގެން މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށާއި، ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. މިއީ އޮޒޯންއަށް ދިން ފުރަތަމަ ހަމަލާއެވެ. މީގެ ކުރިން ޔޫކްރެއިނުން ވަނީ އޮޒޯންއާ ވާދަކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ވައިލްޑްބެރީސްއަށް ވެސް ޑްރޯން ހަމަލާތަކެއް ދީފައެވެ.
ކްރަސްނޮޑާ ސަރަހައްދުން ތިން މީހުން މަރުވެފައިވާއިރު، ބެލްގޮރޮޑުން ދެ މީހުން މަރުވެ 13 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސަރަހައްދީ އޮފިޝަލުން ރިޕޯޓުކޮށްފައިވެއެވެ. އަދި ރަޝިޔާއިން ހިފާފައިވާ ކްރައިމިއާގެ ސެވަސްޓޮޕޯލްގައި ޔޫކްރެއިންގެ ޑްރޯނެއް ބަހަކަށް އެރުމުގެ ސަބަބުން މަދުވެގެން ދެ މީހުން މަރުވެ 10 މީހުންނަށް އަނިޔާވެފައިވާ ކަމަށް މޮސްކޯއިން އައްޔަންކޮށްފައި ހުންނަ ގަވަރުނަރު ވިދާޅުވިއެވެ. ލުހާންސްކްގައި ވެސް ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ރަޝިޔާގެ ދައުލަތުގެ ޓީވީ 'ވެސްޓީ' އަށް ދެއްވި އިންޓަވިއުއެއްގައި ޕޫޓިން ވިދާޅުވީ، ކީވްގެ ސަރުކާރުން ނުކުތީ ރަޝިޔާގެ އިގުތިސާދަށް ގެއްލުން ދިނުމަށް ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުން އަމިއްލައަށް "ޕެންޑޯރާސް ބޮކްސް" ހުޅުވާފައިވާ ކަމަށެވެ. އަދި ރަޝިޔާގެ ރައްދު މާ ވޭންދެނިވި އަދި ގެއްލުންބޮޑު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި، ވެރިރަށް ކީވްގެ ރޭލު ދަތުރުފަތުރުގެ ނިޒާމަށް ރަޝިޔާއިން ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި އެކަކު މަރުވެ އެހެން މީހަކަށް އަނިޔާވެފައިވެއެވެ. އަދި ހޮނިހިރު ދުވަހު މެންދުރުފަހު ކީވް ސަރަހައްދަށް ދިން އިތުރު ހަމަލާއެއްގައި ދެ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ޒަޕޮރީޒިއާ ސަރަހައްދަށް ރޭގަނޑު ދިން ހަމަލާއެއްގައި އެކަކު މަރުވެފައިވާއިރު، ދުވާލު ދިން ހަމަލާއެއްގައި ތިން މީހުން މަރުވެ 15 މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން ވަނީ ޔޫކްރެއިނަށް ދޭ އެހީތެރިކަން އިތުރުކުރާނެ ކަމަށް ބުނެފައެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން ވިދާޅުވީ، ޔޫކްރެއިނަށް އަސްކަރީ ސާމާނާއި މިސައިލް ފޯރުކޮށްދިނުން އަވަސްކުރައްވާނެ ކަމަށެވެ. ޔޫރަޕްގެ ޑިޕްލޮމެޓުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 2027 ވަނަ އަހަރުގެ ބަހާރު މޫސުމުގެ ކުރިން ލިބޭނެ ކަމަށް ނުބެލެވުނު އިޓަލީއާއި ފަރަންސޭސިވިލާތުގެ އާ 'ސޭމްޕް/ޓީ-އެންޖީ' މިސައިލް ދިފާއީ ނިޒާމު ވެސް މިހާރު ޔޫކްރެއިނަށް ލިބޭނެ ކަމަށް ބެލެވެއެވެ.
މެކްރޯން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކީވްއަށް ދިން ހަމަލާތަކާއެކު ރަޝިޔާއިން ދަނީ އިސްވެ ހަމަލާދިނުމުގެ ކުށް ތަކުރާރުކޮށް އިތުރުކުރަމުން ކަމަށެވެ. އަދި ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ކޯލިޝަން އޮފް ދަ ވިލިންގް" ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން ޒެލެންސްކީއާ މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރު ޖޮހާން ވަޑެފުލް ހޮނިހިރު ދުވަހު ކީވްއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ، ޔޫކްރެއިނަށް އިތުރު 58 މިލިއަން ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިއުލާންކުރައްވާފައެވެ. މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އދ.ގެ އޭޖެންސީތަކަށާއި އަމިއްލަ ޖަމިއްޔާތަކަށެވެ.
ވަޑެފުލް ވަނީ ކްރިވީ ރިހްގެ ވިޔަފާރި މަރުކަޒަށް ދިން ހަމަލާ ކުށްވެރިކުރައްވައި، އާންމުންނަށް ގަސްދުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމަށް ބުނެ ޕޫޓިންއަށް ފާޑުވިދާޅުވެފައެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ފިނި މޫސުމަށް ތައްޔާރުވުމާ ގުޅޭގޮތުން ވަޑެފުލްއާ އެކު ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ޔޫކްރެއިންގެ ހަކަތައިގެ ނިޒާމުތައް ވަރުގަދަކުރުމަށާއި ޑްރޯން ހަމަލާތަކުން ދިފާއުވުމަށް ނޭޓޯގެ ފަންޑަކަށް ޖަރުމަނުވިލާތުން އިތުރު 12 މިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް ވަޑެފުލް ވިދާޅުވިއެވެ.
