މޫސުން ގޯސްވެ ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މީޓްރޮލޮޖިކަލް ސެންޓަރުން މިއަދު މެންދުރު 15:00 އިން 18:00 އަށް ނެރެފައިވާ އެ ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މި ސަމާލު ނެރެފައި ވަނީ ދެކުނުގެ އަތޮޅުތަކަށް ކަމަށްވާއިރު މީގެ ކުރިން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. އެގޮތުން މިއަދު 13:45 އިން 17:00 އަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ވެސް ވަނީ މެޓް އޮފީހުން ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.
އެއާއެކު ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
