މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައްދަލުކުރައްވައިފިއެވެ.
ހޯމް މިނިސްޓަރު، ނާފިއުގެ މައިންބަފައިންނާ ބައްދަލު ކުރައްވާފައިވަނީ އެމީހުން ދިރިއުޅެމުންދާ ނ. މަނަދޫއަށް ވަޑައިގެންނަވައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް މެސެޖެއް ރައްދުކޮށްދެއްވާފައެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ، ސާޖަންޓް އަލީ ނާފިއު ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ހާމަކުރައްވާފައެވެ. މީގެއިތުރުން، އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުއާ އަބަދުވެސް އާއިލާއާއެކުވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރު ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރުން ދެއްކެވި ގައުމީ ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ކުރިއަށްގެންދަވާ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ހިނގާ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު، މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ސާޖަންޓް އަލީ ނާފިއުގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ބައްދަލުކުރައްވާފައެވެ.
2026 އޮގަސްޓް 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަންގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުހައްމަދު ހަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33 އަހަރު) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދު (39 އަހަރު) އެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކެނޑިނޭޅި ކުރަމުންދާއިރު ދާދި ފަހުން ވަނީ އެ ތިން މީހުން ހޯދުމަށް އެމެރިކާގެ ނޭވީ ފްލައިޓެއް ބޭނުންކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ތިން މީހުން ފެނިފައި ނުވެއެވެ.
