އެމްޓީސީސީ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހިޔާ މަޝްރޫއުގެ ފްލެޓްތައް އަޅާނެ ބިން ހޯދަން ހައުސިންގް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި އެ ކުންފުނީގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ ބައެއް އިސް ވެރިން ވެސް ބައިވެރިވިއެވެ.
އެމްޓީސީސީން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ ކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެ ކަން ކުންފުނީގެ ބޯޑުން ގަބޫލުކޮށް، މި ކަމަކީ ކުންފުނީގެ މުވައްޒަފުންގެ ހެވާއި ލާބައަށް ޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބޯޑުން ދެކޭ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ބިމެއް ހޯދުމަށް އެޗްޑީސީގައި އެދިފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއަކުން އެދިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ކަމަށް އިޖާބަ ދެއްވުމުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މުވައްޒަފުން އެ ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަކީ އެމްޓީސީސީގެ މިއަދުގެ މެނޭޖްމަންޓްގެ އަމާޒެވެ. ބިން ހަމަޖެހުމާ އެކު ވީހާ ވެސް އަވަހަށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
