ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ އިހުސާނާ ގުޅޭ ގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން 60 ދުވަހަށް މަގާމުން މަސްއޫލިއްޔަތުތަކުން ދުރުކުރަން ޖޭއެސްސީން ބޭއްވި ޖަލްސާގައި ވަނީ ނިންމާފައެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ޖޭއެސްސީން ދީފައި ނުވާއިރު ސަސްޕެންޑްކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ވެސް ސާފެއް ނޫނެވެ.
ގާޒީ އިހުސާން ސަސްޕެންޑްކުރިއިރު އޭނާގެ ފަރާތުން ފުރައްސާރަ އާއި ކުރިމަތިލާން ޖެހޭ ކަމަށް ބުނެ ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް މައްސަލަ މިދިޔަ އަހަރު ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ.
މުވައްޒަފުންގެ ފަރާތުން ޖޭއެސްސީއަށް ސިޓީއެއް ފޮނުވި ނަމަވެސް ކޮމިޝަނުން މައްސަލަ ބެލުމާ މެދު އަދި ގޮތެއް ނިންމި ކަމެއް އެނގިފައި ނުވެއެވެ.
