ބްރެޒިލް އަދި ރިއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ކާލޯސް އިސްލާމް ދީނު ގަބޫލުކުރީ ކަމަށް ބުނާ ރިޕޯޓްތަކެއް ފެންމަތިވެއްޖެއެވެ.
އުމުރުން 53 އަހަރުގެ ކާލޯސް އިސްލާމް ދީނު ގަބޫލުކުރި ކަމަށް ބުނާ ރިޕޯޓްތައް އާއްމުވެފައިވަނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަލީ ސާހިން 'އެކްސް' ގައި ކާލޯސްއަށް މަރުހަބާ ކިއުމުންނެވެ. ސާހީން މިކަން ހާމަކޮށްފައިވަނީ ބްރެޒިލްގެ ސައު ޕައުލޯގައި އެގައުމުގެ މުސްލިމް ލީޑަރުންނާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހުއެވެ.
ސާހިން ވިދާޅުވި ގޮތުގައި ރޮބާޓޯ ކާލޯސް އިސްލާމް ދީނުގެ ހިދާޔަތް ގަބޫލުކުރި ކަމުގެ ހެޔޮ ހަބަރު ދިނީ ބްރެޒިލްގެ މުސްލިމް އެއް އިސް ލީޑަރު ކަމަށްވާ ޝެހް ޖިހާދް ހައްމާދު ކަމަށެވެ.
މިގޮތުން، ޝެހް ހައްމާދު ދިން މައުލޫމާތަށް ހަވާލާދީ ތުރުކީގެ އެމްޕީ ވިދާޅުވީ، ރޮބާޓޯ ކާލޯސް ވަނީ މީގެ 4 ހަފްތާ ކުރިން ޝޭހް ހައްމާދާ ބައްދަލުކޮށްފައި ކަމަށާ އިސްލާމްވެ ޝަހާދަތް ކިޔާ ހެދީ ވެސް އޭރު ކަމަށެވެ.
މީޑިއާ ރިޕޯޓްތައް އިތުރަށް ބުނާ ގޮތުން ކާލޯސް ވަނީ ދާދި ފަހުން މޮރޮކޯއަށް އުފަން އޭޖެންޓެއް ކަމަށްވާ ސުހޭލާ އަތް ތޯހިރީއާ ކައިވެނިކޮށްފައެވެ.
އިސްލާމް ދީނު ގަބޫލުކުރި ކަން ރޮބާޓޯ ކާލޯސް އަދި އަމިއްލައަށް ހާމައެއް ނުކުރެއެވެ.
ރޮބާޓޯ ކާލޯސް އެންމެ މަޝްހޫރުވެގެން ދިޔައީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯދި ބްރެޒިލްގެ ޓީމުގެ ތެރެއިންނެވެ. ރިއާލް މެޑްރިޑްގެ އިތުރުން ތުރުކީގެ ފެނަބާޗޭއަށް ވެސް ކުޅުނު ރޮބާޓޯ ކާލޯސްގެ އެންމެ މަޝްހޫރު ކުޅުމަކީ ދުރުން ބާރަށް ޖަހާ މޮޅު ހިލޭ ޖެހުންތަކެވެ.
