ރާއްޖޭގެ ތިން ރަށެއްގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުތަކަކާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބިޑްތައް ބަލައިނުގަތީ ގޯސްކޮށް ކަމަށް ކޯޓުތަކުން ނިންމި މައްސަލަ، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މި މައްސަލައަކީ ތ. ވިލުފުށި، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި ހައުސިން ޔުނިޓްތައް އެޅުމަށް 2021 ވަނަ އަހަރު މިނިސްޓްރީ އޮފް ފިނޭންސުން ކުރި އިއުލާންތަކަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. އެ މަޝްރޫއުތަކަށް އެސްޖޭ ކޮންސްޓްރަކްޝަނާއި އެސްޖޭ ޓްރޭޑް ގުޅިގެން ބިޑު ހުށަހެޅި ނަމަވެސް، ނޭޝަނަލް ޓެންޑާ ބޯޑުން ވަނީ އެ ފަރާތްތަކުގެ ބިޑުތައް ޑިސްކޮލިފައި ކޮށްފައެވެ. ޓެންޑާ ބޯޑުން އެ ބިޑުތައް ބަލައިނުގަތީ އެމްޕްލޯޔާސް ރިކުއާމަންޓާއި ފައިނޭންޝަލް ރިސޯސަސް ރިކުއާމަންޓް ފުރިހަމަނުވާ ކަމަށް ބުނެއެވެ.
އެހެންނަމަވެސް، ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ނިންމީ އެސްޖޭގެ ބިޑުތަކަކީ ޝަރުތު ހަމަވާ ބިޑުތަކެއް ކަމަށާއި، އެ ބިޑުތައް އަލުން އިވެލުއޭޓް ކުރަން ޖެހޭނެ ކަމަށެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވެސް ވަނީ އެސްޖޭގެ ބިޑުތައް އަލުން އިވެލުއޭޓް ކުރުމަށާއި، މި މަސައްކަތްތަކުން އެ ކުންފުންޏަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެންވާ ކަމަށް ހުކުމް ކޮށްފައެވެ.
ސިވިލް ކޯޓުގެ މި ހުކުމްތައް ބާތިލުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ދައުލަތުން ވަކާލާތު ކުރީ ޓެންޑަ ބޯޑުން އެސްޖޭ ޑިސްކޮލިފައި ކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް، އެސްޖޭ އިން ވަނީ ސިވިލް ކޯޓުގެ ހުކުމްތަކަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ސައްހަ ހުކުމްތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ. މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ތިން ގަޒިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހައިކޯޓުގެ މި ނިންމުމާ ގުޅިގެން، ދައުލަތުން މިހާރު ވަނީ މި މައްސަލަ އެންމެ މަތީ މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
