ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އެ ތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.. އަދި އެއީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން، ރާއްޖެ ގެނައި ޕެކޭޖެއް ބަލާ ފާސްކުރަމުންދިޔައިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލި ބެލުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ. އަދި އެއީ 3.2 ކިލޯގެ ކެނަބިސް ކަމަށްވެއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ދާދި ފަހުން ވެސް އަތުލައިގެންފައި ވެއެވެ. އެގޮތުން މި މަހުގެ 5 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ފަހަރުވެސް ފެނިފައި ވަނީ ބައި ކިލޯއެއްހާ ކެނަބިސް އެވެ.

އަދި ހަމަ އެހެންމެ، މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. އެ މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ މެތްއެމްފެޓަމީން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 2231 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން ވެސް ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ އިތުރުން ޖޫން މަހުގެ 9 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.4 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލް ވެސް އަތުލައިގެންފައި ވެއެވެ. މި ތަކެތީގެ މަގުމަތީ އަގު 11 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

މި ސަރުކާރުން މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރަމުންނެވެ.