ރައްޔިތުންގެ މަޖިލީހަށް އެއް ކަމެއްގައި ދެ ޕެޓިޝަން ހުށަނޭޅޭ ގޮތަށް އޮންނަ އުސޫލު މަޖިލީހުގެ ގަވާއިދުން އުނިކުރުމަށް މިއަދު ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވާފައެވެ.

އުނިކުރަން ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ ޕެޓިޝަންގެ ޝަރުތުތައް ބަޔާންކުރާ މާއްދާގެ (ޅ) އެވެ. އެ މާއްދާގައި ކުރިން އޮންނަނީ މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.

މި ގަވާއިދު ބަދަލުކުރަން ހުށަހަޅާފައި މިވަނީ، ކައުންސިލްތަކުގެ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި 2،000 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު އީ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެ މިންވަރަށް ސޮއި ހަމަވުމުން އެ ޕެޓިޝަން ވަނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަންޖެހޭ ހާއްސަ ޕެޓިޝަނަކަށް ބަދަލުވެފައެވެ.

އަނެއްކޮޅުން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ބިލު ފާސްކޮށްދިނުމަށް އެދި 850 އަށްވުރެ ގިނަ ސޮޔާއެކު އިތުރު އީ ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް، މިހާރު އޮތް ގަވާއިދުގެ ދަށުން އެއް ކަމެއްގައި ދެވަނަ ޕެޓިޝަނެއް ހުށަހެޅުން ގަވައިދު މަނާކުރެއެވެ.