ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދު މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި، ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ އިސްވެރިން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައެވެ. އެމްއެމްއޭއިން މާލިއްޔަތު ކޮމިޓީއާ ބައްދަލުކުރަން އެދުނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ، މަނިޓަރީ ސިޔާސަތުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ.

މިއަދުގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މި ހުށަހެޅުމަށް ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ވަނީ ތާއީދުކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގައި މިހާރު އޮތް އުސޫލު ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެގޮތުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިހްތިޔާރު އުވާލައި، ކޮންމެ މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަންޖެހޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މި ބަދަލާއެކު މަތީ ފަންތީގެ ރިސޯޓުތަކުން މާރުކުރަންޖެހޭ ޑޮލަރުގެ ނިސްބަތް އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީ ރާއްޖޭގައި ލައިސެންސް ލިބިގެން ހިންގާ ބޭންކެއްގެ ހާއްސަ އެކައުންޓަކަށް ޖަމާކޮށް، އެކަން އެމްއެމްއޭއަށް އެންގުން މަޖުބޫރުކުރުމާ، ޓޫރިޒަމް ނޫން ދާއިރާތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވާ އާމްދަނީގެ ތްރެޝްހޯލްޑް 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ވިޔަފާރިތަކުން މާރުކުރަންޖެހޭނީ އާމްދަނީގެ 7 ޕަސެންޓަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، ބޭރުގެ ހިއްސާ އޮންނަ ވިޔަފާރިތަކުން އާމްދަނީގެ 20 ޕަސެންޓު މާރުކުރަންޖެހޭނެއެވެ. ގެސްޓްހައުސްތަކާ، ހޮޓާތަކާއ، ސަފާރީތައް ހިމެނޭ 'ކެޓަގަރީ ބީ' ގެ ތަންތަނަށް މިހާރު ވެސް އޮންނަ އުސޫލު (ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުން) ބަދަލެއް ނެތި ކުރިއަށްދާނެއެވެ.

މި ބިލުގެ މަސައްކަތް އަވަސްކޮށް ނިންމުމަށް މާލިއްޔަތު ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.