ގްރީސްއިން ޖަރުމަނަށް ދަތުރުކުރި ރަޔަންއެއަރގެ ފްލައިޓެއްގެ އިންޖީނުގެ ބައެއް ފަޅައިގެންގޮސް ކުޑަދޮރެއްގައި ޖެހުމުގެ ސަބަބުން، ފަސިންޖަރެއްގެ ބޯ އަދި ކަނާތްފަރާތު ކޮނޑު ކުޑަދޮރުން ބޭރަށް ދަމައިގަނެފައިވާ ކަމަށް އެމެރިކާގެ ތަހުގީގުކުރާ ފަރާތްތަކުން ބުނެފިއެވެ.

އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ނެރުނު އިބްތިދާއީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ ފްލައިޓު ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. މި ހާދިސާގައި ކުޑަދޮރުން ބޭރަށް ދަމައިގަތީ ސާބިއާއަށް ނިސްބަތްވާ ލުބީސާ ކަރޯވިޗް ނަމަކަށް ކިޔާ މީހެކެވެ. އެންޓީއެސްބީން ބުނި ގޮތުގައި މި ހާދިސާގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބި، ފުން އަސަރުތަކެއް ކޮށްފައެވެ.

ލުބީސާގެ އަންހެނުން ސްވެޓްލާނާ ގްރްކޯވިޗް މަކްސިމޯވިޗް ބީބީސީ ސާބިއާއަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ފިރިމީހާ ކުޑަދޮރުން ބޭރަށް ދަމައިގަތް ވަގުތު، އޭނާއާއި އިތުރު ދެ ފަސިންޖަރަކު ވެގެން ފިރިމީހާގެ ފައިގައި ހިފަހައްޓައިގެން އެތައް އިރަކު ތިބި ކަމަށެވެ.

ގްރީސްގެ ތެސަލޮނީކީއިން ޖަރުމަނުގެ މެމިންގެންއަށް ދަތުރުކުރި މި ފްލައިޓަށް ދިމާވީ ކަނާތްފަރާތު އިންޖީނުގެ ފަންކާގެ ބްލޭޑެއް ބިނދިގެން ދިއުމުގެ މައްސަލައެއް ކަމަށް އެންޓީއެސްބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ފްލައިޓުގެ ކްރޫއިންނާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، ފްލައިޓު މައްޗަށް އަރަމުން ދިޔަ ވަގުތު އިންޖީނުން އާދަޔާ ހިލާފަށް ގުޑުންތަކެއް އިހުސާސްކުރެވުނު ކަމަށެވެ. އެއާއެކު އިންޖީނުގެ ބާރު ދަށްކޮށް، ޗެކްތަކެއް ކުރުމަށްފަހު ގުޑުން ކުޑަވުމުން އޮޓޯޕައިލެޓުގައި ދަތުރު ކުރިއަށް ގެންދިޔައީ ކަމަށް ކްރޫއިން ބުނެފައިވެއެވެ.

ނަމަވެސް، އޭގެ ފަހުން އަނެއްކާވެސް އިންޖީނުގެ ގުޑުން ބޮޑުވެ، ބާރު އަޑެއް އިވުމާ ގުޅިގެން ކްރޫއިން ވަނީ ކުއްލި ހާލަތު އިއުލާންކޮށް ފްލައިޓު ތިރިކުރަން ފަށާފައެވެ. ފްލައިޓުގެ އެޓެންޑެންޓުންނަށް ވެސް މި ގުޑުންތައް އިހުސާސްކުރެވި، އޮކްސިޖަން މާސްކުތައް ތިރިވުމުގެ ކުރިން ކުޑަކޮށް ދުން އަރާތަން ފެނުނު ކަމަށް އެ މީހުން ބުނެފައިވެއެވެ.

އެއް ފްލައިޓް އެޓެންޑެންޓަކު ބުނި ގޮތުގައި، ފަސިންޖަރުން އެހީއަށް އެދި ގޮވަން ފެށީ ކުޑަދޮރެއް އެއްކޮށް ހަލާކުވެ، އެ ދޮރުގެ ތެރޭގައި ފަސިންޖަރަކު ތާށިވުމާ ގުޅިގެންނެވެ. މި ހާދިސާއަށްފަހު ފްލައިޓު ވަނީ އަނބުރާ ތެސަލޮނީކީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.

ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ހާދިސާގެ ތަހުގީގު އެއްކޮށް އެންޓީއެސްބީއާ ހަވާލުކޮށްފައެވެ. އެންޓީއެސްބީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި އަހަރުގެ މެއި މަހު އެ އިންޖީނުގެ އަލްޓްރާސޮނިކް އިންސްޕެކްޝަންތަކެއް ހަދާފައިވާއިރު، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައެއް ނުވެއެވެ. ރަޔަންއެއަރގެ ވެރިޔާ މައިކަލް އޯލިއަރީ މީގެ ކުރިން ވިދާޅުވެފައިވަނީ، މި ހާދިސާ ހިނގަން މެދުވެރިވީ އިންޖީނުގެ ތެރެއަށް ބޭރު އެއްޗެއް ވަދެގެން ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. މި ފްލައިޓަކީ ރަޔަންއެއަރގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޓާ އެއަރއިން އޮޕަރޭޓުކުރި ފްލައިޓެކެވެ.