ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ 'ބޭންކް ފަންޑް' ލިބޭ ޖަމިއްޔާތަކާއި މަޝްރޫއުތައް ހޮވައި، އެކަން އިއުލާން ކޮށްފިއެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގްސަދުގައި ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ. ބޭންކް ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދެއެވެ.
މިއަހަރުގެ ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކާއި މަޝްރޫއުތަކަކީ:
- ދިއްދޫ ކުރިމަގު (ހއ. ދިއްދޫ): 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ހާއްސަ މަރުކަޒެއް ގާއިމުކުރުން. މިއީ ޑިޖިޓަލް ތައުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާއީ އެކި ހަރަކާތްތަކަށް ހާއްސަ މަރުކަޒެކެވެ.
- ޔުނިޓީ ސްޕޯޓްސް އެކަޑަމީ (ށ. ފުނަދޫ): ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްގީކުރުން. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމައުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެކެވެ.
- ލާމު ފާމާސް އެސޯސިއޭޝަން (ލ. ފޮނަދޫ އަދި ލ. ގަމު): 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިން ހަބް' ގާއިމުކުރުން. މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫއެކެވެ.
- ބްލޫ ގިލްޑް ފައުންޑޭޝަން (ށ. ކަނޑިތީމު): ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށް 'މޭކާ ސްޕޭސް' އެއް ގާއިމުކުރުން. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
- ކަލައިދޫ ވިންގްސް (ލ. ކަލައިދޫ): ކަލައިދޫ ބަނދަރުގައި 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްގީކުރުން. މިތަނުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި، ފާޚާނާއާއި، ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއްވެސް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްގެ އަމާޒަކީ ދިވެހި މުޖުތަމައު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއްބާރުލުން ދިނުމެވެ. ބޭންކުން އަންނަނީ މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އަހުމިއްޔަތުކަމެއް ދެމުންނެވެ.
މިހާތަނަށް ބޭންކް ފަންޑްގެ ދަށުން 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މީގެ ކުރިން ބޭންކުން ހިންގި 'ކޮމިއުނިޓީ ފަންޑް' ގެ ދަށުން 100 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ބީއެމްއެލް އިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އެހީތެރިކަން ދެމުންގެންދާނެ ކަމަށެވެ.
