ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)ތަކުގެ އަދަދަށް ރިއާޔަތްކޮށް، ތިން ހަފްތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރަން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ބަދަލު ގެނެއުމަށް ނިންމާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެންނެވެ. ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް އެމްއެމްއޭއިން ނިންމާފައި ވަނީ އިއްޔެއެވެ.

އެގޮތުން އެމްއެމްއޭއިން ބުނީ، މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާއަށް ގެނައި 51 އިންސައްތައިގެ އިތުރުވުމަކީ ބޭންކިންގް ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެެވެ.

މީގެ ސަބަބުން، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްއިން މިއަދު ބުނި ގޮތުގައި މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބޭންކުން 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ވެއެވެ.

ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރެވެ.

މީގެ ކުރިންވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 އިންސައްތަ އިތުރުކޮށްފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 26 އިންސައްތަ އިތުރުކޮށްފައެވެ.

ޑޮލަރު މާރުކުރާ އުސޫލަށް އެމްއެމްއޭއިން ބަދަލު މި ގެންނަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގައެވެ. ރަސްމީކޮށް ޑޮލަރުގެ މާރުކުރާ އަގަކީ 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.65 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ.