މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު ބަޔަކު ފެނި، ބަލި ފެތުރުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 17 ކޭސް ވަނީ ފެނިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 216 އަށް އަރާފައެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 14,701 ފަރާތަކަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
ހިމަބިހިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދު ދެމުން އެޗްޕީއޭއިން ބުނީ، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުގެ ތެރެއިން 2 ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން، ލަސްނުކޮށް ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހުމަށް އެ އޭޖެންސީން ވަނީ ބާރުއަޅާފައެވެ.
މީގެ އިތުރުން، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުމަށާއި، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް ވަނީ އިރުޝާދު ދީފައެވެ. ފަރުވާ ހޯދުމަށް ސިއްހީ މަރުކަޒުތަކަށް ވަޑައިގަންނަވާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އެޗްޕީއޭއިން ވަނީ ބަލިތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ފޯރުކޮށްދޭ މައުލޫމާތަށް އެކަނި ބަރޯސާވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
