މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަން ހާމަކޮށްފިއެވެ. މި ތަފާސްހިސާބުތައް ހާމަކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ، ރާއްޖެއަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފުލުހުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އޮޕަރޭޝަންތައް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 7 މަސް ދުވަހުގެ މުއްދަތުގައި 1,140 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާއިރު، މިއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ފަސް އޮޕަރޭޝަނެވެ.
މި އޮޕަރޭޝަންތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 137.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، އުތުރުގެ އަތޮޅުތަކުން 3.4 ކިލޯ އަދި ދެކުނުގެ އަތޮޅުތަކުން 3 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މީގެ އިތުރުން، މުޅި ރާއްޖެއިން 1,856 ފުޅި ބަނގުރާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރި 1,875 މީހުންގެ ތެރޭގައި ހިމެނެނީ:
- މާލެ ސަރަހައްދުން: 760 މީހުން
- އުތުރުގެ ރަށްތަކުން: 570 މީހުން
- ދެކުނުގެ ރަށްތަކުން: 530 މީހުން
މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ 7,300 އަށްވުރެ ގިނަ ތަންތަން ފުލުހުން ވަނީ މި މުއްދަތުގައި ބަލާފާސްކޮށްފައެވެ. އަދި މަގުމަތިންނާއި އެކި ތަންތަނުން 23,249 މީހަކު ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ތަހުގީގީ މަރުހަލާއަށް ބަލާއިރު، މި ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ޖުމުލަ 1,533 މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ތަހުގީގު ކުރިއަށްގެންދިޔަ 560 މައްސަލައިގެ ތެރެއިން 343 މައްސަލައެއްގެ ތަހުގީގު މިހާރު ވަނީ މުޅިން ނިންމައި، ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
މި ބައްދަލުވުމުގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައިވެސް މި އޮޕަރޭޝަންތައް ވަރުގަދަކޮށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.
