އެމެރިކާއިން ބަދަލު ދިނުމަށް އީރާނުން ޝަރުތުކުރުމާ ގުޅިގެން، ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި އީރާނުން ދީފައިވާ ގެއްލުންތަކުގެ ބަދަލު ހޯދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހެޅި ޝަރުތުތަކަށް ދޭ ރައްދެކެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރި މި ކަނޑުއޮޅި ހުޅުވާނީ، އެމެރިކާއިން ހަނގުރާމައިގެ ބަދަލު ދިނުމުން ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން ހޯދަން މަސައްކަތްކުރާ ބަދަލުގެ ތެރޭގައި ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނާއި އީރާނުގެ މުޒާހަރާތަކުގައި މަރުވި އާންމުން ހިމެނެއެވެ. ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އީރާނުގައި 52،000 މީހުން މަރުވެފައިވާ ކަމަށް އޭނާ ދައުވާކުރެއްވިއެވެ. ނަމަވެސް، އީރާނުން ބުނާ ގޮތުގައި ހަނގުރާމަ ފެށުމުގެ ކުރިން ޖެނުއަރީ މަހު ކުރިއަށްދިޔަ މުޒާހަރާތަކުގައި މަރުވީ 3،117 މީހުންނެވެ. އަދި އެމެރިކާގައި ހަރަކާތްތެރިވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އޭޖެންސީ (އެޗްއާރްއޭއެންއޭ) އިން ފެބްރުއަރީ މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު އުޅެނީ 7،000 ގައެވެ.

މީގެ އިތުރުން، 2000 ވަނަ އަހަރު ޔަމަނުގައި އެމެރިކާގެ މަނަވަރަކަށް ދިން ހަމަލާގައި މަރުވި 17 ސޭލަރުންގެ އާއިލާތަކަށްވެސް އީރާނުން ބަދަލު ދޭންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެހެންނަމަވެސް، އެ ހަމަލާގެ ތުހުމަތު ކުރެވިފައިވަނީ އަލްގައިދާއަށެވެ. ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ ލުބުނާނާއި ސޫރިޔާއާއި ޔަމަނުގެ އިތުރުން ގައްޒާގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ޒިންމާވެސް އީރާނުން ނަގަންޖެހޭނެ ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސްޕެޝަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޗާލްސް ކުޕްޗަން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ބަދަލު ހޯދުމާ ގުޅޭގޮތުން ދެ ފަރާތުން ދައްކަމުންދާ ވާހަކަތަކަކީ ސީރިއަސް ވާހަކަތަކެއް ނޫނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ތެޔޮ އެކްސްޕޯޓު ނުކޮށް އީރާނަށް ސަލާމަތް ނުވެވޭނެއެވެ. އަދި އެމެރިކާގެ އިންތިހާބާ ގާތްވަމުން އަންނައިރު ތެލުގެ އަގު ބޮޑުވުމަކީ ޓްރަމްޕް ބޭނުންފުޅުވާނެ ގޮތެއް ނޫން ކަމަށާއި، އެމެރިކާގެ ހަތިޔާރުގެ ސްޓޮކް މަދުވުމުގެ ސަބަބުން ޕެންޓަގަންއަށްވެސް ޕްރެޝަރުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކު ކުރިއަށްދާ މަޝްވަރާތައް ރަނގަޅަށް ކުރިއަށްދާ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައްކާތެރި ދަތުރުފަތުރާއި، ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުމަތީގެ ހިދުމަތްތަކުގެ އިތުރުން ކުށްކުރުން ހުއްޓުވުން ފަދަ ކަންކަމާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް، އެމެރިކާއިން ދެމުންދާ އަސްކަރީ އިންޒާރުތައް ހުއްޓާލުމަށް އީރާނުން ވަނީ ޝަރުތުކޮށްފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ޖުލައި މަހު އަލުން ފެށި ބްލޮކޭޑްގެ ދަށުން 55 ވިޔަފާރި ބޯޓެއްގެ މިސްރާބު ބަދަލުކުރުވައި، ދެ ބޯޓެއް ވަނީ ހުއްޓުވާފައެވެ. ކަނޑުމަތީގެ މައުލޫމާތު އެއްކުރާ ކުންފުންޏެއް ކަމަށްވާ ވިންޑްވާޑުން ބުނާ ގޮތުގައި، މި ބްލޮކޭޑްގެ ސަބަބުން ހާރްގް އައިލެންޑުން އީރާނުން ކުރަމުންދިޔަ ތެލުގެ އެކްސްޕޯޓު ވަނީ އެއްކޮށް ހުއްޓިފައެވެ.

ޓްރަމްޕް ސިފަކުރެއްވި ގޮތުގައި މި ބްލޮކޭޑަކީ ދަގަނޑު ފާރެކެވެ. އަދި މިވަގުތު ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އަތުގައި ކަމަށާއި، އެ ސަރަހައްދުގައި ހުރި މައިންތައް ސާފުކޮށްފައިވާ ކަމަށް އޭނާ ދައުވާކުރެއްވިއެވެ. ނަމަވެސް، މެރިންޓްރެފިކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފުތާބަންދުގައި އެ ކަނޑުއޮޅިން ދަތުރުކުރި ބޯޓުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ހުކުރު ދުވަހު 15 ބޯޓު ދަތުރުކުރިއިރު، ހޮނިހިރު ދުވަހު 11 ބޯޓު އަދި އާދީއްތަ ދުވަހު ދަތުރުކުރީ 6 ބޯޓެވެ. މީގެ ތެރެއިން 17 ބޯޓެއް އީރާނުން ކަނޑައަޅާފައިވާ މަގުން ދަތުރުކުރިއިރު، 10 ބޯޓެއް ދަތުރުކުރީ ވަކި ގޮތަކަށް ކަނޑައެޅިފައިނުވާ މަގަކުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.