ހަ މީހުންނާއެކު ދަތުރުކުރި "އުރަފާ" ނަމަކަށް ކިޔާ ޑައިވިންގް ދޯންޏެއް ހދ. ނޮޅިވަރަންފަރުގެ ހުޅަނގުފަރާތު ފަރަށް އަރައިފިއެވެ.
ދޯނީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ފަރަށް އެރި މި ދޯނީގައި ހާދިސާ ހިނގި ވަގުތު ހަ މީހުން ތިއްބެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.
ޑައިވިންގް ދޯންޏެއް ފަރަށް އަރާފައިވާއިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ދެ ދުވަސް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
