ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
އަދި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް މެޓް އޮފީހުން މީގެ ކުރިން ބުނެފައި ވެއެވެ. މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭ މަހުގެ 8 ވަނަ ދުވަހުއެވެ.
ވިއްސާރަވެ، ކަނޑުތައް ގަދަ ދުވަސްވަރު ދަތުރުކުރާއިރު، ކަނޑުމަތީގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެ، ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި ދަތުރު ފެށުމުގެ ކުރިންނާއި ދަތުރުމަތީގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.
