ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕްރެފެރެންޝަލް ނުވަތަ ރޭންކްޑް ޗޮއިސް ނިޒާމަކަށް ބަދަލުކުރުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ތިއްބަވައި ކުރިއަށްގެންދާ 'ބޮޑު ބަދަލު' ކެމްޕެއިނުން ހުށަހަޅައިފިއެވެ. މި ހުށަހެޅުން އާންމުކޮށްފައި ވަނީ ވެރިކަމުގެ ނިޒާމާއި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް އެ ކެމްޕެއިނުން ތައްޔާރުކުރި ފަހުގެ ކަރުދާހެއްގައެވެ.

އެ ކެމްޕެއިންގެ ފަރާތުން އާންމުކުރި ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަ ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް ނިޒާމުގެ ދަށުން ބައެއް ފަހަރު 20 އިންސައްތަ ވޯޓުން ވެސް މެންބަރުން އިންތިހާބުވެއެވެ. ނަމަވެސް އިސްކަންދޭ ތަރުތީބުން ވޯޓުލާ ނިޒާމެއް ތައާރަފުކުރުމުން ވޯޓު ބެހިގެންދާ ދިއުން ހުއްޓުވައި، އިންތިހާބުވާ ކެންޑިޑޭޓަކީ ގިނަ ރައްޔިތުންގެ ތާއީދު އޮތް މީހެއްކަން ކަށަވަރުކުރެވޭނެ ކަމަށް އެ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

ޕްރެފެރެންޝަލް ވޯޓިންގައި ވޯޓުލާ މީހުން ކެންޑިޑޭޓުންނަށް ވޯޓު ދޭނީ ތަރުތީބުކޮށްގެންނެވެ. އެއްވަނައަށް އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް 50 އިންސައްތަ ނުލިބޭ ނަމަ، ދެން ބަލާނީ ދެވަނައަށް އެންމެ ގިނަ މީހުން އިސްކަންދިން ކެންޑިޑޭޓަށެވެ. މި ނިޒާމަކީ އަވައްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިތުރުން، އޮސްޓްރޭލިއާ އަދި އަޔަލެންޑް ފަދަ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ނިޒާމެއް ކަމަށް ބޮޑު ބަދަލު ކެމްޕެއިނުން ބުނެފައިވެއެވެ.

ވޯޓުލާ ނިޒާމުގެ އިތުރުން، މަޖިލީހުގެ އެކުލެވުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މި ކަރުދާހުގައި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހާލައި، އެއް ބައި ރިޔާސީ އިންތިހާބާ އެކު އަދި އަނެއް ބައި ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވުން ހިމެނެއެވެ. އަދި އެންޓި-ޑިފެކްޝަން މާއްދާ އުވާލައި، އޭގެ ބަދަލުގައި ރައްޔިތުން އިސްނަގައިގެން މެންބަރުން ވަކިކުރުމަށް ވޯޓެއް ނެގޭނެ ނިޒާމެއް (ރީކޯލް ވޯޓު) ތައާރަފުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

މަޖިލީހުގެ ގޮނޑިތައް ބެހިގެންވާ ގޮތަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އަތޮޅުތަކަށް 63 ގޮނޑި އަދި ސިޓީތަކަށް 26 ގޮނޑި ކަނޑައަޅައި، ކޮންމެ އަތޮޅަކުންނާއި ސިޓީއަކުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓުން އިންތިހާބުވާ ގޮތަށް ހެދުމަށް ކަރުދާހުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން، ވ. އަތޮޅު ފިޔަވައި ކޮންމެ އަތޮޅަކުންނާއި ސިޓީއަކުން މަދުވެގެން އެއް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ޖުމްލަ 24 އަންހެން މެންބަރުން މަޖިލީހަށް އިންތިހާބުކުރެވޭނެ ގޮތް ހެދުމަށް ވެސް ބޮޑު ބަދަލު ކެމްޕެއިނުން ވަނީ ހުށަހަޅާފައެވެ. ވ. އަތޮޅުން އިންތިހާބުކުރާނީ އެންމެ މެންބަރެއް ކަމަށް އެ ކަރުދާހުގައި ބުނެފައިވެއެވެ.