ކޮލަމްބިއާގެ ކަނާތުފިޔައިގެ އާ ރައީސް އަބެލާޑޯ ޑެ ލަ އެސްޕްރިއޭލާ މަގާމުގެ ހުވާކުރެއްވިތާ މަދު ގަޑިއިރެއްގެ ތެރޭގައި، އެމެރިކާއިން އެ ގައުމަށް އެއް ބިލިއަން ޑޮލަރުގެ ސަލާމަތީ އެހީގެ ޕެކޭޖެއް ދޭން ނިންމައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ސަލާމަތީ ޕެކޭޖުގެ ބޭނުމަކީ ދެ ގައުމު ގުޅިގެން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކޮލަމްބިއާގެ އާ ސަރުކާރަށް އެހީތެރިވުމެވެ. އޭގެ ތެރޭގައި ރޭވިގެން ހިންގާ ކުށްތައް ހުއްޓުވުމާއި، ގަވާއިދާ ހިލާފަށް މީހުން އެތެރެވުން ހުއްޓުވުން ހިމެނޭ ކަމަށް އެ ޑިޕާޓްމަންޓުން ފާހަގަކުރިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ އެސްޕްރިއޭލާ ވަނީ، އޭނާގެ ފުރަތަމަ ތަގުރީރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކާޓެލްތަކާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް އިއުލާންކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެސްޕްރިއޭލާ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވެރިރަށް ބޮގޯޓާގެ ބަދަލުގައި ހުޅަނގުގެ ސިޓީއެއް ކަމަށްވާ ކާލީގައެވެ. އަސްކަރީ މަރުކަޒެއްގައި ސިފައިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ހަތިޔާރު އެޅި ޖަމާއަތްތައް ބަލިކޮށް، ގައުމު އަލުން ބިނާކުރައްވާނެ ކަމަށެވެ. އަދި އޭނާއަށް ނިސްބަތްކޮށް އަމިއްލައަށް ދީފައިވާ ނަން ކަމަށްވާ "މިނިކާވަގުގެ ޒަމާނުގައި" ކުށްވެރިންނަށް ރައްކާތެރިކަން އޮންނާނެ އެއްވެސް ތަނެއް ކޮލަމްބިއާގައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެސްޕްރިއޭލާ އެންމެ ފުރަތަމަ ނިންމެވި އެއް ނިންމެވުމަކީ، ޓްރަމްޕް އިސްވެ ހުންނަވައި އުފައްދަވާފައިވާ ސަލާމަތީ ގުޅުން ކަމަށްވާ "ޝީލްޑް އޮފް ދަ އެމެރިކާސް" ގައި ކޮލަމްބިއާ ބައިވެރިކުރުމެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މި ނިންމުމަށް މަރުހަބާ ކިޔައި، މިއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ބުނެފައެވެ. އިންތިހާބުގެ ކުރިން ޓްރަމްޕް ވަނީ އެސްޕްރިއޭލާއަށް އެމެރިކާގެ ފުރިހަމަ ތާއީދު އޮތް ކަމަށް ވިދާޅުވެފައެވެ.

އެސްޕްރިއޭލާގެ ސިޔާސަތުތައް، އޭނާގެ ކުރިން އެ މަގާމުގައި ހުންނެވި ވާތުފިޔައިގެ ރައީސް ގުސްޓާވޯ ޕެޓްރޯގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް ތަފާތެވެ. ޕެޓްރޯ ގެންގުޅުއްވީ ހަތިޔާރު އެޅި ޖަމާއަތްތަކާއެކު މަޝްވަރާކޮށްގެން ސުލްހަ ގާއިމުކުރުމުގެ ސިޔާސަތެކެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެ ސިޔާސަތު ވަނީ ނާކާމިޔާބުވެފައެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރުތަކުގައި ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެންބަރުންގެ އަދަދު އިތުރުވެ، ކޮލަމްބިއާއާއި ވެނެޒުއޭލާ ގުޅޭ ސަރަހައްދީ ރޮނގުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އެމެރިކާއަށް މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް މީހުން އެތެރެވާ މައްސަލައިގައި ޓްރަމްޕް ވަނީ ޕެޓްރޯގެ ސިޔާސަތުތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވެފައެވެ.

އަނެއްކޮޅުން ޕެޓްރޯ ވަނީ ސަރަހައްދަށް ޓްރަމްޕް ފޯރުއްވަމުން ގެންދަވާ ނުފޫޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭގެ ތެރޭގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމަށް އެމެރިކާއިން ކުރި މަސައްކަތްތައް ހިމެނެއެވެ. ޕެޓްރޯއާއި އޭނާ ތާއީދުކުރެއްވި ކެންޑިޑޭޓް އިވާން ސެޕޭޑާ ވަނީ، ކޮލަމްބިއާއަކީ އެމެރިކާގެ ދަށުވެފައިވާ ގައުމަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ޕެޓްރޯ ވަނީ އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލާއެކު އޮތް ގުޅުން ކަނޑާލައްވައިފައެވެ. ނަމަވެސް އާ ރައީސް އެސްޕްރިއޭލާ ވަނީ އެމެރިކާއާއި އިސްރާއީލާއެކު ވަރުގަދަ އަސްކަރީ ގުޅުމެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެސްޕްރިއޭލާ ވެރިކަމަށް ވަޑައިގަތުމާއެކު، ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން ކަނާތުފިޔައިގެ ސަރުކާރުތައް އޮންނަ ގައުމުތަކާ ކޮލަމްބިއާގެ ގުޅުން ބަދަހިވެގެންދާނެއެވެ. އޭގެ ތެރޭގައި އެމެރިކާއިން 20 ބިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާ އާޖެންޓީނާގެ ރައީސް ޖޭވިއާ މިލޭއިގެ ސަރުކާރު ހިމެނެއެވެ. ކޮލަމްބިއާއާއި ޕެރޫގައި ކަނާތުފިޔައިގެ ލީޑަރުން ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން، ބްރެޒިލްގެ ވާތުފިޔައިގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ އަށް ސަރަހައްދުގައި އޮތް ތާއީދު ވަނީ ކުޑަވެފައެވެ. އެސްޕްރިއޭލާގެ ސިޔާސަތުތައް އެލް ސަލްވާޑޯގެ ރައީސް ނައިބް ބުކޭލޭ އަދި އިކުއެޑޯގެ ރައީސް ޑެނިއަލް ނޮބޯއާގެ ސިޔާސަތުތަކާ އެއްގޮތް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އެސްޕްރިއޭލާއަކީ 2023 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައްޔިތުކަން ވެސް އޮންނަ ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ކާމިޔާބު ގާނޫނީ ވަކީލެކެވެ. ކޮންޒަވޭޓިވް އެހެން ކެންޑިޑޭޓަކު އަވަހާރަކޮށްލިތާ މަހެއް ފަހުން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި އެސްޕްރިއޭލާ، ކެމްޕެއިން އެއްވުންތަކުގައި ބައިވެރިވެވަޑައިގަތީ ވަޒަން ނާރާ އަންނައުނު ތުރުކުރައްވައިގެންނެވެ. އޭނާ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގަތެވެ.