ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތު ދަށްވެ، އެތަނުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އާއިލާތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ޖަވާބުދާރީވުމަށް އެދި ސިޓީއެއް ހުށަހަޅުއްވައިފިއެވެ.

މި ސިޓީ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މެންބަރުގެ ސިޓީގައި ރިހެބިލިޓޭޝަން ސެންޓަރުގެ މިހާރުގެ ހާލަތާއި، އެތަނުގެ ހިންގުން ހުރިގޮތުގެ އިތުރުން ފަރުވާ ހޯދާ މީހުންގެ އިންސާނީ ކަރާމާތާއި ރައްކާތެރިކަމާ މެދު އުފެދިފައިވާ ސުވާލުތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ޖަވާބު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ސިޓީގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ސެންޓަރުގައި ބަލި މީހުން ބޭތިއްބުމަށް އެކަށީގެންވާ ސާފުތާހިރު މާހައުލެއް ނެތް ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި ފަރުވާ ހޯދާ މީހުންނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރާއި، ފާހާނާ އަދި ނިދާ ކޮޓަރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ހޯދުމަށް ހުށަހަޅާފައިވެއެވެ

މީގެ އިތުރުން އެކަށީގެންވާ މިންވަރަށް ކައުންސިލަރުންނާއި، މެޑިކަލް ސްޓާފުން އަދި ނަފުސާނީ ފަރުވާ ދޭނެ މާހިރުން ތިބިތޯ ބެލުމާއި އެކު .އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ދިނުމަކީ ގާނޫނީ ހައްގެއް ކަމަށްވާއިރު، އެކަމުން މަހުރޫމުވުމަކީ އަލުން މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ދަށުން ހިންގާ ފަރުވާގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ސަރުކާރުންވެސް މީގެ ކުރިން ވަނީ ގަބޫލުކޮށްފައެވެ. އެގޮތުން ޖާގައިގެ ދަތިކަމާއި މުވައްޒަފުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭވަރުގެ ޒަމާނީ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ރާވާފައެވެ.