ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 14 މީހުން މަރުވެ، 22 މީހުންނަށް އަނިޔާވެއްޖެއެވެ. މިއީ މިއަހަރުގެ ތެރޭގައި ކީވްއަށް އަމާޒުކޮށްގެން ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ ކަމަށް ޔޫކްރެއިނުން ބުނެއެވެ.

ބުދަ ދުވަހުގެ މެންދަމުން އަނބުރާ ފެށި މި ހަމަލާތަކާ ގުޅޭގޮތުން ކީވްގެ އަސްކަރީ އިދާރާގެ ވެރިޔާ ޓިމޫރް ޓްކަޗެންކޯ ވިދާޅުވި ގޮތުގައި، ދުޝްމަނުން ވަނީ އަނެއްކާވެސް ކީވް ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އޭނާ ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަމަލާތަކުގައި ބޮރިސްޕިލް ސަރަހައްދުން ނުވަ މީހުން، ބުޗާ ސަރަހައްދުން ހަތަރު މީހުން އަދި ފާސްޓިވް ސަރަހައްދުން އެކަކު ވަނީ މަރުވެފައެވެ.

ބެލިސްޓިކް މިސައިލްގެ ހަމަލާތައް ކީވްއާއި އެ ސިޓީގެ ބޭރު ސަރަހައްދުތަކަށް އަމާޒުވަމުންދިޔައިރު، އެއް ގަޑިއިރަށް ވުރެ ގިނަ އިރަށް ވައިގެ ހަމަލާގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކީވްގެ އަސްކަރީ އިދާރާއިން ބުނި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ދުޝްމަނުން އަނެއްކާވެސް ގަސްތުގައި އަމާޒުކުރަމުންދަނީ އާންމު ރައްޔިތުންނާއި އާންމު އުމްރާނީ ވަސީލަތްތަކަށް ކަމަށް އެ އިދާރާއިން ތުހުމަތުކޮށްފައިވެއެވެ.

ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ޓެލެގްރާމް މެދުވެރިކޮށް ވިދާޅުވި ގޮތުގައި، ސިޓީގެ މެދުތެރެއަށް ދިން ހަމަލާތަކާ ގުޅިގެން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައި ތިބުމުގެ ބިރު އެބައޮތެވެ. މީގެ އިތުރުން، އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަމަލާތަކާ ގުޅިގެން ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުން ހަމަލާދީފައިވަނީ ކީވްއާއި އެ ސަރަހައްދުގައި ހުރި ލޮޖިސްޓިކްސް އަދި ސަޕްލައި މަރުކަޒުތަކަށް ކަމަށެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، އެ މަރުކަޒުތަކަކީ އެކި ބާވަތުގެ ހަތިޔާރާއި އަސްކަރީ ސާމާނު ރައްކާކުރުމާއި ފޯރުކޮށްދިނުމުގެ އިތުރުން، ޑްރޯން އުފެއްދުމާއި ބެހުމުގެ މަސައްކަތް ކުރަމުންދިޔަ ތަންތަނެވެ. މީގެ އިތުރުން، ކަޅު ކަނޑުގެ އޮޑެސާ ބަނދަރު ކައިރިން ހަތިޔާރާއި އަސްކަރީ ސާމާނު އުފުލަމުންދިޔަ ތިން ކާގޯ ބޯޓަކަށް ވެސް ހަމަލާދީފައިވާނެ ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ.

ފަހަކަށް އައިސް ރަޝިޔާއިން ކީވްއަށް ދޭ ހަމަލާތައް އިތުރުކޮށްފައިވާއިރު، ޔޫކްރެއިނުން ވެސް ވަނީ ރަޝިޔާގެ އާންމު އުމްރާނީ ވަސީލަތްތަކަށް، ހާއްސަކޮށް ކަރަންޓު ފޯރުކޮށްދޭ މަރުކަޒުތަކަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ. އެގޮތުން، ރަޝިޔާގެ އީ-ކޮމާސް ކުންފުނި ވައިލްޑްބެރީސްގެ ގުދަންތަކަށް ޔޫކްރެއިނުން ތަކުރާރުކޮށް ހަމަލާދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަންގާރަ ދުވަހުގެ ހެނދުނު މޮސްކޯ ސަރަހައްދުގައި ހުންނަ އެ ކުންފުނީގެ ގުދަންތަކަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި ފަސް މީހުން މަރުވެ، 10 މީހުންނަށް އަނިޔާވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އޭގެ ކުރީ ދުވަހު، ރަޝިޔާގެ ދެކުނުގައި އޮންނަ ކްރަސްނޮޑާ ސަރަހައްދުގެ ގޮނޑުދޮށަކަށް ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެ، 58 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރަޝިޔާގެ އޮފިޝަލުން ބުނެފައިވެއެވެ. މި ހަމަލާ ދީފައިވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން އެ ސަރަހައްދުގައި ތިއްބައެވެ.

އާންމުންނަށް ގަސްތުގައި ހަމަލާދޭ ކަމަށް ކުރެވޭ ތުހުމަތުތައް ދެ ގައުމުން ވެސް ދޮގުކުރެއެވެ. ނަމަވެސް، ހާސަން ސަރަހައްދުގައި ޑްރޯނަކުން މީހަކު ފަހާ ދުވާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ޔޫކްރެއިނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޔޫކްރެއިނުން ސިފަކުރި ގޮތުގައި އެއީ އާންމުންނަށް އަމާޒުކޮށްގެން ގަސްތުގައި ހިންގާ ޝިކާރަކުރުމުގެ އަމަލެކެވެ.

ރަޝިޔާގެ ބެލިސްޓިކް ހަމަލާތަކުން ދިފާއުވުމަށްޓަކައި، އެމެރިކާގައި އުފައްދާފައިވާ ޕޭޓްރިއަޓް މިސައިލް އިންޓަރސެޕްޓަރުތައް އިތުރަށް ފޯރުކޮށްދިނުމަށް ޔޫކްރެއިނުން ވަނީ އެ ގައުމުގެ ބައިވެރިންގެ ކިބައިން އެދިފައެވެ.