އަނެއްކާވެސް ހިމަބިހީގެ އިތުރު ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ނަމަވެސް އަނެއްކާވެސް ހިމަބިހީގެ ކޭސްތަކެއް ފެނި ބަލި ޖެހެމުންދާ މީހުން ދަނީ އިތުރުވަމުންނެވެ. އަދި ހާއްސަކޮށް ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ހިމަބިހީގެ ކޭސްތައް އިތުރު ވަމުންދާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދަނީ ފެންނަމުންނެވެ.
އެގޮތުން އެ އެޖެންސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ދައްކާގޮތުން، އަލަށް ފެނުނު މި ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 199 އަށް އަރާފައެވެ. މިއީ ހުސްވި ހަފްތާ އާ ބަލާއިރު 13 ކޭސްގެ އިތުރުވުމެކެވެ.
ވޭތުވެދިޔަ ހަފްތާތަކުގައި މާލެ ސަރަހައްދުން ރިޕޯޓްކުރި ކޭސްތައް:
- ޖޫން 30 އިން ޖުލައި 6 އަށް: 55 ކޭސް
- ޖުލައި 7 އިން ޖުލައި 13 އަށް: 23 ކޭސް
- ޖުލައި 14 އިން ޖުލައި 20 އަށް: 22 ކޭސް
- ޖުލައި 21 އިން 27 އަށް: 20 ކޭސް
- ޖުލައި 28 އިން މިއަދުގެ ނިޔަލަށް: 13ކޭސް
މިއީ ހިމަބިހި ނައްތާލެވުނު ފަހުން އެންމެ ގިނަ ކޭސް ފެނުނު ފަހަރުވެސް މެއެވެ. އަދި ގިނައީ މާލެ ސަރަހައްދުން ފެންނަ ކޭސްތަކެވެ. މާލެ ސަރަހައްދުން ބޭރުން ފެނިފައިވަނީ 30 ކޭސް ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ. ރާއްޖެއިން ނައްތާލާފައިވާ ހިމަބިއްސަށް ބަޔަކު ޕޮޒިޓިވްވުމުން އެ ބަލިން ރައްކާތެރިވާން އެޗްޕީއޭއިން ވަނީ ވެކްސިން ދޭން ފަށައިފަ އެވެ. އެގޮތުން މިހާތަނަށް 12،971 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ. ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގެ "އާބަސް" ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.
"މީސްލްސް" ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ މި ބައްޔަކީ ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކު އުޅޭ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަކީ އެންމެ މުހިންމު ފިޔަވަޅުކަމަށް ސިއްހީ އިދާރާތަކުން ފާހަގަކުރެއެވެ.
އަވަށްޓެރި އިންޑިޔާ އަދި ބަންގްލަދޭޝްގައިވެސް ހިމަބިހި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.
