ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ހަރުދަނާކޮށް، ހިންގުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި އެ ބޭންކުގެ އިދާރީ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
ބޭންކުގެ ބޯޑު އޮފް ޑައިރެކްޓަރުންގެ ފުރިހަމަ ތާއީދާއެކު ގެނެވުނު މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ 4 އޯގަސްޓް 2026 އިން ފެށިގެންނެވެ. މިއީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން އެކުލަވައިލާފައިވާ ސްޓްރެޓެޖިކް އަމާޒުތަކުގެ ދަށުން އެޅުނު ފިޔަވަޅެކެވެ.
މި ބަދަލުތަކުގެ ދަށުން ސީނިއާ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެގޮތުން މަގާމުތަކަށް އައި ބަދަލުތަކަކީ:
- އައިޝަތު ޒަމްރާ ޒާހިރު: ޗީފް ކޮމަރޝަލް އޮފިސަރު
- މޫސާ ނިމާލް: ޗީފް މާކެޓިންގ އޮފިސަރު
- ރަޝްފާ ޖައުފަރު: ޗީފް ރިސްކް އޮފިސަރު
- ގެރީ ލޯޓަން: ޗީފް ކްރެޑިޓް އޮފިސަރު
ބޭންކުގެ މި ނިންމުމާ ގުޅޭގޮތުން ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ކުރިއެރުމަށާއި ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ތަޖުރިބާކާރު ވެރިންނަށް އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ މުޅި މުއައްސަސާއަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި، މިއީ ދިވެހި ހުނަރުވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި، މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކެއް ކަމުން، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ބޭންކު ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައަކަށް ގެންދިއުމެވެ.
