މަރަދޫ އާއި ގައުކެނޑިއާ ދެމެދު އޮންނަ ހަންކެނޑެއަކީ ގުދުރަތީ ގޮތުން ހިތްގައިމު، އެހެންނަމަވެސް އެތައް އަހަރެއް ވަންދެން ފަޅަށް އޮތް ސަރަހައްދެކެވެ. ދެކުނުގެ އެންމެ ބޮޑު އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް އެތައް ސަރުކާރަކުން ދެއްކި ހުވަފެންތަކުގެ މައި މަރުކަޒަކީ ވެސް މިއީއެވެ. އެހެންނަމަވެސް ހަންކެނޑެ ސަރަހައްދަށް މިއަދު ބަލައިލުމުން ފެންނަނީ ހިމޭންކަމެވެ. 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ބިން ހިއްކައި ނިންމާފައި އޮތް ނަމަވެސް، އެ ބިމުގައި ފަތުރުވެރިކަމުގެ އެއްވެސް ހަރަކާތެއް ނެތެވެ.
މިއީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެތައް ސަރުކާރަކުން ދައްކާފައިވާ އެންމެ ބޮޑު އެއް ހުވަފެނެވެ. ސިޔާސީ ޕޯޑިއަމްތަކުގައި އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައަކީ ހަންކެނޑެ ތަރައްގީކޮށް، އައްޑޫގެ އިގުތިސާދު ކޮޅަށްޖެހުމުގެ ވާހަކައެވެ. ނަމަވެސް، 2026 ވަނަ އަހަރާ ހަމައަށް އައިއިރުވެސް، މި ސަރަހައްދުން ފެންނަނީ ހުސް ބިމެކެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް އާ ނަމެއްގައި، އާ ކޮންސެޕްޓަކަށް މި މަޝްރޫއު އިއުލާންކުރި ނަމަވެސް، ރައްޔިތުންނަށް ފެންނަ އަމަލީ ނަތީޖާއެއް އަދި ނެތެވެ. ބޮޑެތި ކުރެހުންތަކާއި މޮޑެލްތައް ދައްކައި، ބޭރުގެ އެކި ކުންފުނިތަކާއެކު ސޮއިކުރާ މަންޒަރު މީޑިއާތަކުން ފެނުނު ނަމަވެސް، ހަންކެނޑޭގެ ފަސްގަނޑުގައި އެއްވެސް އިމާރާތެއްގެ ބިންގާ އަދިވެސް ނޭޅެއެވެ. ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިއީ ހަގީގަތަކަށް ވާނެ މަޝްރޫއެއްތޯ ނުވަތަ ހަމައެކަނި ސިޔާސީ މަންފާއަކަށް ދައްކާ ހުވަފެނެއްތޯއެވެ.
ހަންކެނޑެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގެ ވާހަކައަކީ މިއަދަކު ނުވަތަ އިއްޔެއަކު ފެށިގެން އުޅޭ ވާހަކައެއް ނޫނެވެ. މީގެ ވިހި އަހަރު ކުރިން، 2006 ވަނަ އަހަރު ތޫނޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެތަނުގައި ސިޓީ ހޮޓަލެއް އެޅުމަށް ސަރުކާރުން މަސައްކަތް ފެށިއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުން އެކަން ހުއްޓުނީއެވެ.
އޭގެ ފަހުން 2008 ވަނަ އަހަރު ހާފް ޑިގްރީ ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރިއެވެ. އެ ކުންފުންޏަށް ވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފެށުނެވެ. ދެން ފެނިގެން ދިޔައީ 2011 ވަނަ އަހަރު ސިންގަޕޫރުގެ ޑޯލްޓަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ފައިވް ސްޓާ ރިސޯޓެއް ތަރައްގީކުރަން އުޅުނު މަންޒަރެވެ. އެ މަސައްކަތް ވެސް ކާމިޔާބު ނުވެ، 2019 ވަނަ އަހަރު އެ އެއްބަސްވުން ވަނީ ބާތިލު ކޮށްފައެވެ.
މިއިން ކޮންމެ ފަހަރަކުވެސް އައްޑޫގެ ރައްޔިތުންނަށް ދައްކަނީ އެތައް ހާސް ވަޒީފާއަކާއި، އިގުތިސާދީ ކުރިއެރުމުގެ އުއްމީދެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކުވެސް އެ އުއްމީދުތައް ވަނީ ފެނަށް ގޮސްފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ އެހެން ސަރަހައްދުތައް ކުރިއަރައިގެން ދިޔައިރު، އައްޑޫގެ ފަތުރުވެރިކަން އޮތީ ފަހަތުފަޔަށް ބުރަވެފައެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ އެނދުގެ އަދަދު 8،000 އަށް އިތުރުކުރުމުގެ އަމާޒެއް ކަނޑައަޅާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ހަންކެނޑޭގައި ތަރައްގީކުރަން ނިންމާފައިވާ 2،080 އެނދަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެނދުތަކެކެވެ.
މި މަޝްރޫއަށް އެންމެ ބޮޑު އުއްމީދެއް ލިބިގެންދިޔައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ދަށުން، އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ހަންކެނޑެ ތަރައްގީކުރަން ނިންމިއެވެ. ޗައިނާގެ ބޭންކަކުން 142.9 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ 2023 ވަނަ އަހަރުގެ މާޗު މަހު މަސައްކަތް ހަވާލުކުރިއެވެ.
އެއާއެކު، ހަމަ އެ އަހަރުގެ އޮގަސްޓު މަހު ބިން ހިއްކުމުގެ މަސައްކަތް ނިންމާލިއެވެ. އެ މަޝްރޫއުގެ ދަށުން 1،041 ކޮޓަރި ނުވަތަ 2،080 އެނދު ތަރައްގީކުރުމަށް އޮތީ ނިންމާފައެވެ. އޭގެ ތެރޭގައި ގްރޭންޑް ހޮޓާތަކާއި، ޑިލަކްސް ހޮޓާތަކުގެ އިތުރުން ބުޓީކް ހޮޓާތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވެއެވެ.ނަމަވެސް، ސަރުކާރު ބަދަލުވުމާއެކު އަނެއްކާވެސް މަޝްރޫއުގެ މިސްރާބު ބަދަލުވާން ފެށިއެވެ.
ކުރީ ސަރުކާރުން ޔޫއޭއީގެ ޓައިމް ހޮޓެލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ބަދަލުގައި، ފަހުން އެމްއެފްއެމްސީން ވަނީ ކޮންޑުއިޓް ހައުސް ނަމަކަށް ކިޔާ ކުންފުންޏަކާއެކު ހޮޓާތައް ހިންގުމަށް އެއްބަސްވުމެއް ހަދާފައެވެ. އެކި ނަންނަމުގައި، އެކި ކުންފުނިތަކާއެކު ސޮއިކުރެވޭ މަންޒަރު ފެނުނު ނަމަވެސް، ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތް ވަރަށް ތަފާތެވެ. ކޮންމެ ސަރުކާރަކުން ވެސް އަމިއްލަ ނަމެއްގައި މަޝްރޫއު ރީބްރޭންޑްކޮށް، އާ ކުރެހުންތަކެއް އާންމުކުރެއެވެ. އެހެންނަމަވެސް، ބިން ހިއްކުން ފިޔަވައި އިތުރު އަމަލީ މަސައްކަތެއް އެތަނުގައި ހިނގާފައެއް ނުވެއެވެ.
މި މަޝްރޫއު ލަސްވުމުގެ ސަބަބުން އައްޑޫގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. ސަރުކާރުތަކުން އަންދާޒާކޮށްފައިވާ ގޮތުގައި، ހަންކެނޑެ މަޝްރޫއު ނިމުމުން ސީދާ ގޮތެއްގައި 1،980 ވަޒީފާ އަދި ނުސީދާކޮށް ގާތްގަނޑަކަށް 3،000 ވަޒީފާ އުފެދިގެންދާނެއެވެ. އައްޑޫގައި ވަޒީފާ ނެތް ޒުވާނުން ގިނަވެ، އިގުތިސާދީ ހަރަކާތްތައް މަދުވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ބޮޑު މަޝްރޫއެއް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އައްޑޫގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ތިބީ މި މަޝްރޫއުގެ ސަބަބުން ރަށުގެ އިގުތިސާދަށް އަންނާނެ ކުރިއެރުމަކަށް ބަލަބަލައެވެ. ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މިފަދަ އިންޓަގްރޭޓެޑް މޮޑެލްއެއް ހުއްޓިފައި އޮތުމަކީ މުޅި އަތޮޅަށް ލިބޭ ގެއްލުމެއް ކަމަށް އައްޑޫގެ ވިޔަފާރިވެރިން ފާހަގަކުރެއެވެ.
މިހާރުގެ ސަރުކާރުންވެސް ދަނީ ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެމުންނެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ "އައްޑޫ ހަންކެނޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް އުފައްދަވާފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ހަންކެނޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ތަރައްގީކޮށް، އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމެވެ. އަދި އައްޑޫ ރައްޔިތުންނަށް އޭގެ މަންފާ ހަމަހަމަކޮށް ފޯރުކޮށްދިނުމަކީ ވެސް އެ ކުންފުނީގެ ޒިންމާއެކެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވެސް ވަނީ، ހަންކެނޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އާ ކުންފުންޏެއް އުފައްދައި، އާ ވައުދުތަކެއް ވީނަމަވެސް، އައްޑޫ ރައްޔިތުން ބޭނުންވަނީ ކަރުދާހުގައި ލިޔެފައިވާ ލިޔުންތަކެއް ނޫނެވެ. އެ މީހުން އިންތިޒާރުކުރަމުން ދަނީ، ހަންކެނޑޭގެ ބިމުގައި އަމަލީގޮތުން އިމާރާތްތައް ރޭނި، ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ދުވަހަކަށެވެ.
އާ ކުންފުނީގެ ދަށުން މި މަޝްރޫއު ހަގީގަތަކަށް ވާނެތޯ ނުވަތަ މިއީ އަނެއްކާވެސް އެހެން ނަމެއްގައި އިއުލާންކުރެވުނު އިތުރު ވައުދަކަށް ވެގެންދާނެތޯ އެއީ މިއަދު އައްޑޫ ރައްޔިތުން އުފައްދާ ސުވާލެކެވެ. މިވަގުތު އޮތް އެންމެ ބޮޑު ހަގީގަތަކީ، އާ ކުންފުނީގެ ބޯޑު އެކުލަވާލައި، އަމަލީ މަސައްކަތް ފެށުމަށްޓަކައި ކޮންޓްރެކްޓަރާއެކު ކުރިއަށްދާނެ ގޮތެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވާކަމެވެ.
ހަންކެޑެ މަޝްރޫއާ ގުޅޭ ގޮތުން އައްޑޫ ސިޓީ މޭޔަރު ނިޒާރު ވިދާޅުވީ ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓާލަން ސަރުކާރުން މަޖުބޫރުވީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން ކަމަށެވެ. ހަންކެޑެ ޕްރޮޖެކްޓް ކުރިއަށް ނުދިއުމަކީ އައްޑޫގެ އިގްތިސާދަށް ކުރެވުނު ޕްލޭންތައް ފުނޑުފުނޑު ކޮށްލުންކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ މި ސަރުކާރަށް ހަންކެޑެ ތަރައްގީކުރާނެ ބަޔަކު ނުހޯދިގެން އުޅޭއިރު ސަވާހެލި ތަރައްގީ ކުރާނެ ބަޔަކުވެސް ނުވާނެކަމަށެވެ.
ދެކުނުގެ ފަތުރުވެރިކަމަށް އިންގިލާބެއް ގެނައުމުގެ އަމާޒުގައި ފަރުމާކޮށްފައިވާ މި މަޝްރޫއުގެ ސަބަބުން، އެތައް އަހަރެއް ވަންދެން މަޑުޖެހިފައިވާ އައްޑޫގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމުގެ އުއްމީދު ބޮޑެވެ. މިއީ ހަމައެކަނި ރިސޯޓެއް ތަރައްގީކުރުމުގެ ބަދަލުގައި، މުޅި ސަރަހައްދުގެ އިގުތިސާދީ ދުވެލި ހަލުވިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.
