ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ފްރާންސަށް ފޮނުވާލައިފިއެވެ.
މި ކަމާ ގުޅިގެން އެމްއޭސީއެލް އިން ބުނީ މިއީ އެއާޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށެވެ.
އެގޮތުން ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވެލާނާ އެއާޕޯޓުން ވައިގެ މަގުން ފޮނުވާލީ ފްރާންސްގެ ލީލް އަށްކަމަށާއި، މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ރާއްޖޭގެ މައި އެއާޕޯޓުން އަދާކުރާ މުހިންމު ދައުރުކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެލާނާ އެއާޕޯޓު މެދުވެރިކޮށް ސީ ޓު އެއާ ކާގޯގެ ހިދުމަތްތައް ގިނައިން ހޯދަމުންދިޔައީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާއިންކަމަށާ ނަމަވެސް ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާއެކު ހޭންޑްލްކުރެވުމަކީ، ރާއްޖޭގެ ކާގޯ ހިދުމަތްތައް އާ މާކެޓްތަކަށް ފޯރަމުންދާކަމުގެ ބާރުގަދަ ހެއްކެއްކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ބުނީ ސީ ޓު އެއާ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށްވުރެ އަގުހެޔޮ، އަދި ކަނޑުމަގުން އެކަނި ފޮނުވުމަށްވުރެ އަވަސް ގޮތެއްކަމަށާއި، އެހެންކަމުން މިއީ އަވަހަށް ފޮނުވަންޖެހޭ މުދަލަށް އޮތް އެންމެ ރަނގަޅު ހައްލުކަމަށެވެ.
