މަޖިލީހުގައި ހިނގާ ބަހުސްތައް ސިޔާސީ ވާހަކަތަކުން ބޭރުކޮށް، ހުށަހެޅޭ ބިލުތަކުގައިވާ މާއްދާތަކަށް އަމާޒުކޮށްގެން އިލްމީ ގޮތެއްގައި ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް އެދިވަޑައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި އިސްލާހަކީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު 5 އިން 7 އަށް އިތުރުކުރުމަށާއި، ބޯޑަށް ސީއީއޯއެއް އައްޔަންކުރުމުގެ އިތުރުން ބައްދަލުވުންތައް ކުރިއަށް ގެންދާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅި އިސްލާހެކެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސްކުރައްވަމުން، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވަނީ ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެ ސިޔާސީ ވާހަކަތަކެއް ދައްކަވައިފައެވެ. އެއާއެކު، ރިޔާސަތުގައި އިންނެވި ސަލީމް ވަނީ ބިލުގެ މައުޟޫއަށް އެކަނި ބަހުސްކުރެއްވުމަށް މެންބަރުގެ އަރިހުން އެދިވަޑައިގެންފައެވެ.

އައިބީގެ ވާހަކަ ނިންމަވައިލެއްވުމުން ސަލީމް ވިދާޅުވީ، މަޖިލީހުގައި ތިއްބެވީ ވަރަށް ގާބިލު އަދި ތައުލީމީ މެންބަރުން ކަމަށެވެ. އަދި ބިލުތަކުގެ ހަގީގީ މަގުސަދާއި މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެވޭނީ، ސިޔާސީ ވާހަކަތަކުގެ ބަދަލުގައި ބިލުގެ މާއްދާތަކަށް އަލިއަޅުވައިގެން އިލްމީ ބަހުސެއް ކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތަކާއި ގުޅިގެން ސަލީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނުތައް މިހާރު ހުރީ ހަދައި ނިމިފައި ކަމަށާއި އެހެންކަމުން ކޮންމެ ދުވަހަކު ސަރުކާރުން މަޖިލީހަށް ބިލުތަކެއް ފޮނުވުމުގެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށެވެ.