ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ އިތުރު 20 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ފެނުނު މި ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 186 އަށް އަރާފައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވީނަމަވެސް، މިފަހުން މި ބަލީގެ ކޭސްތައް ފެނި އިތުރުވަމުންދާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވޭތުވެދިޔަ ހަފްތާތަކުގައި މާލެ ސަރަހައްދުން ރިޕޯޓްކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު، ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ޖޫން 30 އިން ޖުލައި 6 އަށް 55 ކޭސް ފެނިފައިވާއިރު، އޭގެ ފަހުން ކޮންމެ ހަފްތާއަކުވެސް 20 އަށްވުރެ ގިނަ ކޭސް ދަނީ ރިޕޯޓްކުރެވެމުންނެވެ. އެންމެ ފަހުން ޖުލައި 21 އިން 27 އަށް ރިޕޯޓްކޮށްފައި ވަނީ 20 ކޭސްއެވެ.
ވޭތުވެދިޔަ ހަފްތާތަކުގައި މާލެ ސަރަހައްދުން ރިޕޯޓްކުރި ކޭސްތަކުގެ ތަފްސީލް:
- ޖުލައި 21 އިން 27 އަށް: 20 ކޭސް
- ޖުލައި 14 އިން ޖުލައި 20 އަށް: 22 ކޭސް
- ޖުލައި 7 އިން ޖުލައި 13 އަށް: 23 ކޭސް
- ޖޫން 30 އިން ޖުލައި 6 އަށް: 55 ކޭސް
- ޖޫން 23 އިން ޖޫން 29 އަށް: 44 ކޭސް
- ޖޫން 15 އިން ޖޫން 28 އަށް: 2 ކޭސް
- ޖޫން 10 އިން ޖޫން 16 އަށް: 5 ކޭސް
- ޖޫން 3 އިން ޖޫން 9 އަށް: 4 ކޭސް
- މާޗް 27 އިން ޖޫން 2 އަށް: 2 ކޭސް
މި ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ، ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާތަނަށް 12,000 މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ހަރަކާތުގެ ތެރެއިން ދެވުނު 7,100 ވެކްސިން ޑޯޒްވެސް ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ. ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގެ "އާބަސް" ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.
"މީސްލްސް" ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ މި ބައްޔަކީ ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކު އުޅޭ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަކީ އެންމެ މުހިންމު ފިޔަވަޅުކަމަށް ސިއްހީ އިދާރާތަކުން ފާހަގަކުރެއެވެ.
