އުދައަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 15:00 އާއި ހަމައަށެވެ. މި ސަމާލު ނެރެފައި ވަނީ މުޅި ރާއްޖެއަށެވެ. މިއަދު ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

އެގޮތުން ބޯކޮށް ވާރޭވެހި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އިއްޔެ ވެސް މާލޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފައި ވެއެވެ. އެގޮތުން އަލަށް ތަރައްގޯކުރި ބޮޑުތަކުރުފާނު މަގާއި ކާނިވާ ސަރަހައްދު ހިމެނެއެވެ. އުދަ އަރާ ފެންބޮޑުވި ސަރަހައްދުތަކުން އެމްއެންޑީއެފް އިން ވަނީ ފެން ވެސް ހިންދާފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑު ދަތުރުފަތު ކުރާ އެކި ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އިރުޝާދު ދީފައި ވެއެވެ.