ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ދަޢުވަތު ގަބޫލުފުޅުކުރެއްވިކަމަށްޓަކައި، ސައޫދީ އަރަބިއްޔާގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފިއެވެ.
މި ޝުކުރު އެމަނިކުފާނު އަދާކުރެއްވީ، މިނިވަންދުވަހުގެ ރަސްމީ އިހްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެން އުޅުއްވާ ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ޕްރިންސް ޑރ. މަންސޫރަކީ ދެ ހަރަމްފުޅުގެ ޚާދިމުގެ މުޝީރެއްގެ އިތުރުން ސައޫދީގެ މިނިސްޓަރ އޮފް ސްޓޭޓްވެސް މެއެވެ.
މިނިވަންދުވަހުގެ ރަސްމީ އިހްތިފާލުތަގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުންނެވެ. މާލެ ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ދައުލަތުގެ ފަރާތުން ރަސްމީ އިއްޒަތުގައި ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައޫދީން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ހާއްސަކޮށް ދިވެހި ހައްޖުވެރިންނަށް "މައްކާ ރޫޓް އިނިޝިއޭޓިވް" މެދުވެރިކޮށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޕްރިންސް ޑރ. މަންސޫރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއާއި ފާގަތިކަމަށް ސައޫދީގެ އިސްވެރިން އަބަދުވެސް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި އިގްތިސާދީ ތަރައްގީ ފަދަ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހިމެނެއެވެ.
