އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ކަލާފާނު ހިނގުމުގައި ހުރި "ޕިންކް ބިއުޓީ ސެލޫން" ބަލައި ފާސްކޮށް ގާނޫނާ ހިލާފުވެފައި ވާތީ އެތަން ބަންދު ކޮށްފިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން އިއްޔެ މާލޭގައި ހިންގާ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށްގެން ކުރިއަށްގެން ދިޔަ ރެއިޑްގައި ޖުމްލަ 12 ވިޔަފާރިއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު ވަނީ ޗެކްކޮށްފައެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ އަތުލައިގަނެފައެވެ.

މި މައުލޫމާތު ހިއްސާކޮށް އިމިގްރޭޝަނުން އާންމުކުރި ޕޯސްޓްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި ވަނީ ސެލޫންއެއްގެ ވިޔަފާރި ހުއްޓުވުމުގެ ނޯޓިސް ހަރުކުރާ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. އެ ލިޔުމުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ހުއްޓުވުމަށް އަންގާފައި ވަނީ "ޕިންކް ބިއުޓީ ސެލޫން" އަށެވެ.

އެ ނޮތީސް ގައި ބުނެފައި ވަނީ އެތަން ބަލައި ފާސްކުރި އިރު ވިޔަފާރި ރަޖިސްތްރީ ކުރުމުގެ ގާނޫނުއާ ހިލާފުވެފައިވާތީ އެ ގާނޫނުގެ ދަށޫން އެ ތަނުގައި ވިޔަފާރި ކުރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރުގެ ހުއްދަ ނެތި އެތަން ހުޅުވައި އެތަނަށް ވަދެ ނިކުތުމަކީ މަނާކަމެއް ކަަމަށާއި އެ ނޯޓިސް ނައްޓުވާލާ ހަލާކު ކުރުމާއި ގެއްލުން ދިނުމަކީ ވެސް މަނާ ކަމެއް ކަމަށް އެ ނޯޓިސްގައި ބުނެފައި ވެއެެވެ.

އަދި މި ފަދައިން ނޯޓިސް ހަރުކޮށް ވިޔަފާރި ކުރުން ހުއްޓުވާ ތަންތަން އަލުން ހުޅުވޭނީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށ ްފަހު އިކޮނޮމިކް މިނިސްޓްރީން އެތަން ހުޅުވުމުގެ ހުއްދަ ދިނުމުން ކަމަށް ވެސް އެ ނޯޓިސް ގައި ބުނެފައި ވެއެވެ.