ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، މ.ރަންދޫވިލާ، އަމްޖަދު މުސްތަފާ އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އަމްޖަދު މުސްތަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިކަމަށެވެ.
އަމްޖަދު މުސްތަފާއަށް ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުކަމަށާއި، މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަމްޖަދު މުސްތަފާއަކީ ގާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އަމްޖަދު މުސްތަފާ ވަނީ ޝަރީއާއިންނާއި ލޯއިން ބެޗްލާސް ޑިގްރީ އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ އަމްޖަދު މުސްތަފާ ވަނީ 2020 ވަނަ އަހަރު ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިކަމަށާއި، އަދި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިކަމަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 2/2008) ގެ ދަށުން އުފައްދާފައިވާ، ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކާއި މުވައްޒަފުންނާ ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އުފެދޭ ހިލާފުތައް ބަލާ ނިޔާކަނޑައެޅުމުގެ އިހުތިސާސް ލިބިގެންވާ މިނިވަން މުއައްސަސާއެކެވެ.
