ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކުގައި ގެއްލުނު 826،730 ރުފިޔާގެ ތަކެތި ފުލުހުން އަނބުރާ ހޯދައިފިއެވެ.
ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް 838،434 ރުފިޔާގެ ތަކެތި ވައްކަން ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 826،730 ރުފިޔާގެ ތަކެތި އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެންމެ ގިނައިން ވައްކަމުގެ މައްސަލަތައް ރިޕޯޓުކޮށްފައި ވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އޭގެ އިތުރުން ގަލޮޅާއި ހެންވޭރު ޕޮލިސްޓޭޝަނަށްވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި އެންމެ ގިނަ ތަކެތި ރިކަވާވެސް ކޮށްފައި ވަނީ މާފަންނު ޕޮލިސް ސްޓޭޝަނުންނެވެ. ދެވަނައަށް އެންމެ ގިނަ ތަކެތި ގަލޮޅު ޕޮލިސް ސްޓޭޝަނުން ހޯދާފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ތަކެތި ހޯދާފައި ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނުންނެވެ.
އެގޮތުން މާފަންނު ޕޮލިސް ސްޓޭޝަނުން 407،553 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު ގަލޮޅު ޕޮލިސް ސްޓޭޝަނުން 203،968 ރުފިޔާގެ ތަކެތި ހޯދާފައި ވެއެވެ. އަދި ހެންވޭރު ޕޮލިސް ސްޓޭޝަނުން 200،578 ރުފިޔާގެ ތެކެތި އަދި އެއާޕޯޓް ޕޮލިހުން 26،335 ރުފިޔާގެ ތަކެތި ހޯދާފައި ވެއެވެ.
މީގެކުރިން ފުލުހުން އާންމު ކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުންވެސް މާލެ ސަރަހައްދުގައި އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކެވެ. އަދި ހާއްސަކޮށް އީ ކޮމާސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ ވައްކަމުގެ މައްސަލަތައް އިތުރުކަން ފާހަގަކޮށްލެވެއެވެ.
