ސިހުރު ހެދިކަމުގެ ތުހުމަތުގައި، މާލެއިން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓުން ހާމަކުރެއްވި ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓް ހިމެނެއެވެ.

މީގެއިތުރުން، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.